ޚަބަރު

ލޯންޗު އެކްސިޑެންޓުވި ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފި


ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން 14 މީހުންނާއި އެކު ދަތުރުކުރި ލޯންޗަކާއި ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި، ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓް ހިނގުމާއެކު ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް ދޯނީގެ މީހުން ފިލައިގެން ގޮސްފައިވާ ކަމަށެވެ. އަދި ކެޕްޓަން ހައްޔަރުކުރި މައިގަނޑު ސަބަބަކީވެސް އެއީ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ދޯނި ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި އެވަގުތު އެ ދޯނީގައި ތިބީ ހަތަރު ބިދޭސީއަކާ ދޯނީގެ ކެޕްޓަން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދޯނީގެ ކެޕްޓަން ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އެ ދޯނީގައި ތިބި ހަތަރު ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.