ޚަބަރު

ލޯންޗު އެކްސިޑެންޓުގެ ތަހުޤީޤް ޓްރާންސްޕޯޓް އޮތޯރިޓީން ފަށައިފި


ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން 14 މީހުންނާއި އެކު ރޭ ދަތުރުކުރި ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި ޖެހި ހިނގާދިޔަ އެކްސިޑެންޓުގެ ތަހުގީގު ޓްރާންސްޕޯޓް އޮތޯރިޓީން ފައްޓަވައިފިއެވެ.

ސަމަރ އައިލެންޑު ރިސޯޓުން ފުރައިގެން 14 މީހުންނާއި އެކު މާލެއަށް ދަތުރުކުރި ލޯންޗު ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި ޖެހި ހިނގައިދިޔަ އެކްސިޑެންޓްގައި ލޯންޗުން ދަތުރުކުރި 14 މީހުންނަށްވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. 

އެމްއެންޑީއެފް ކޯސްޓްގާޑާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިވަޑައިގެން އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަބްދުއްނާސިރު ވިދާޅުވީ ރޭ ހިނގާދިޔަ އެކްސިޑެންޓް މެރިން ޕޮލިހުން ތަހުގީގު ކުރިޔަސް، އެ މައްސަލަ ޓްރާންސްޕޯޓް އޮތޯރިޓީންވެސް ތަހުގީގުކުރުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މި ހާދިސާއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯސްޓްގާޑުގެ ކޮމާންޑަރު ކާނަލް މުހަންމަދު އިބްރާހިމް ވިދާޅުވީ ކަނޑުމަތީގައި އުޅަނދު ދުއްވަމުންދާއިރު އުޅަނދު ކޮންޓްރޯލްވާ ވަރަށް އުޅަނދު ދުއްވަން އިލްތިމާސްކުރައްވާކަމަށެވެ.

މިދިޔަ އަހަރު ކަނޑުމަތީގެ 362 ހާދިސާއެއް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވެއެވެ. އޭގެތެރޭގައި ފަރަށް އަރައިގެން 67 ހާދިސާއަކާއި، އިންޖީނު ހުއްޓިގެން 84 ހާދިސާއެއް ރިޕޯޓްކޮށްފައިވެއެވެ.