ތިމާވެށި

މާލެތެރެ ސާފުކުރުމަށް ވެމްކޯއިން ޚާއްސަ މަސައްކަތްތަކެއް ފަށައިފި


ރަމަޞާން މަސް ފެށުނު ފަހުން، ބައެއް ފަރާތްތަކުން މާލޭގެ އެކި ހިސާބުތަކަށް ގިނަ އަދަދަކަށް ކުނި އަޅަމުންދާތީ، މަގުތަކުން ކުނި ނަގާ މާލެ ތެރެ ސާފުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ފަށްޓަވައިފިއެވެ. މާލެއަކީ ސާފު ތަނަކަށް ހަދައި، ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. ޚާއްސަކޮށް ރައްކާތެރި ގޮތުގައި ކުނި ނައްތާލާ ކުނި މެނޭޖްކުރެއްވުމަށް ބޮޑު އިސްކަމެއް ދެއްވައެވެ.

ރަމަޟާން މަހަކީ އެހެން މަސްތަކާ ޚިލާފަށް ގިނައިން ކުނި އުފެދޭ މަހެކެވެ. އާންމު މަސްތަކުގައި އުފެދޭ ކުންޏަށްވުރެ ރަމަޟާންމަހު ނިސްބަތުން 25 އިންސައްތަ އިތުރުވާ ކަމަށް ވެމްކޯއިން އަންދާޒާކުރެއެވެ.

ރަމަޟާން މަހާ ދިމާކޮށް މާލެތެރޭގައި ކުނި ގިނަވެ، ބައެއް ފަރާތްތަކުން އެކި ހިސާބުތަކަށް ކުނި ޖަމާކޮށްފައިވާތީ، ވެމްކޯއިން މިހާރު ގެންދަވަނީ އެހެން ހުންނަ ކުނިތަށް ނެގުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކޮންމެ ރެއަކުވުސް އަށަކުން ބާރައަށް ވެމްކޯއިން މާލެ ތެރޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުންނަ  ކުނި ނަގަމުން ގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ މާލޭގެ ވެށި ސާފުކޮށް ބޭއްވުން ކަމަށް އެކުންފުނިން ބުނެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޑެޕިއުޓީ މިނިސްޓަރ އޮފް އެންވަޔަރަމަންޓު އެންޑް އެނާރޖީ، ޢަލީ އާމިރު ވިދާޅުވީ، މަގުމައްޗާއި އާންމު ތަންތަނަށް ކުނި އެޅުން މިހާރު އާންމުވެފައިވާ ކަމަށެވެ. އަދި މިއީ ޢާންމުންގެ ސާފުތާހިރު ކަމާއި ރައްކާތެރިކަމާއި ގުޅިފައިވާ ކަމަކަށްވާއިރު، އެގޮތަށް ކުނި ނޭޅުއްވުމަށް އާމިރު އިލްތިމާސްކުރެއްވިއެވެ.

އާމިރު ވިދާޅުވީ، ވެމްކޯގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުނި އުކައިދިނުމުގެ ޚިދުމަތް މިހާރު ފުޅާކޮށްފައިވާއިރު، މީގައި ފަރުދީ ގޮތުން ނަގަންޖެހޭ ޒިންމާ ބޮޑު ކަމަށެވެ. ކުނި އުކާލުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ވެމްކޯއިން އަންނަނީ ކުރަމުންނެވެ. ވެމްކޯގެ ޒަމާނީ ވެހިކަލްތައް ބޭނުންކޮށްގެން ގޭބިސީތަކުންނާއި، ސްކޫލްތަކާއި، ކޮމާޝަލް ތަންތަނުން ކުނި އުކައި ދިނުމުގެ ޚިދުމަތް ދެއެވެ.

ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލު ކުރުމަށް ހަމަޖެހިފައިވާ އެއްގަމު އުޅަނދުގައި ކުނި އުކާލުމުގެ ޤަވާއިދަށް ބިދޭސީން ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމެއްވެސް ވެމްކޯއިން ވަނީ ފަށްޓަވާފައެވެ. ވެމްކޯގެ ކަލެކްޝަން ސަރވިސް މެނޭޖަރ ހިދާޔާ ނަސީރު ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން ކުނި އުކާލަން ސައިޓަށް އަންނަ ބިދޭސީންގެ 90 އިންސައްތަ މީހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ގަވާއިދާ ޚިލާފަށް ކުނި އުކާ ފަރާތްތައް ހިފަހައްޓައި ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ. ވެމްކޯއިން އަންނަނީ މާލެ ހުޅުމާލެ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ގޭބީސީ ތަކުން ކުނި އުކާދިނުމުގެ ޚިދުމަތް ދެމުންނެވެ.