ތަރައްްޤީ

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ވަރުގަދަކުރަނީ


ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ "ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ މަސައްކަތަށް ދެއްވާ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. މިއީ ގާތްގަނޑަކަށް 25 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެކެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިޔާތުގައި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ރެޕްރެސެންޓަޓިވް މރ. ފުސާޓޯ ޓަކާނާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރުއެވެ. މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ އާއި ޕަބްލިކް ސަރވިސް މީޑިއާ، ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އަދިމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އިސްވެރިންބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނީ ރާއްޖޭގައި މަލްޓިޗެނަލް ޑިޓިޓަލް ޓީވީ ނެޓްވަރކެއް ޤާއިމްކުރުމުގެ މަސައްކަތެވެ. އެއްބަސް ވުމުގައި ސޮއިކުރައްވާ ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު އަޙުމަދު މުނައްވަރު ވިދާޅުވީ ޖަޕާނަކީ ތަފާތުގޮތްގޮތުން ރާއްޖެއަށް އެޙީތެރިކަން ފޯރުކޮއްދެއްވަމުންދާ ޤައުމެއް ކަމަށާއި މި ސޮއިކުރެވުނު އެއްބަސްވުމަކީވެސް ޖަޕާނުން ވެދިން ވަރަށްބޮޑު އެހީއެއްކަމަށެވެ. 

އިންޓަރގްރޭޓެޑް ސަރވިސަސް ޑިޓިޓަލް ބްރޯޑްކާސްޓިންގ ޓެރެސްޓީރިއަލް (އައިއެސްޑީބީ-ޓީ) ސިސްޓަމަކީޖަޕާނުގެ ޑިޖިޓަލް މިންގަނޑުތަކަށް ފެތޭ އެއް ސިގްނަލުން ވަރަށް ގިނަ، ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ނިޒާމެކެވެ. މި ނިޒާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖައިކާގެޗީފް ރެޕްރެސެންޓެޓިވް ފުސާޓޯ ޓަކާނާ ވިދާޅުވީ ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް ތަފާތު އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަމަށެވެ.

އައިއެސްޑީބީޓީއަކީ ޓީވީގެ ޚިދުމަތް ޑިޖިޓަލްކޮށް މޮބައިލް ފޯން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ޓީވީ ބެލުމަށް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ ނިޒާމެކެވެ.

ރާއްޖޭގައި ޤާއިމް ކުރާ މި ނިޒާމް މޮނިޓަރ ކުރާނީ ބްރޯޑްކާސްޓިންގ ކޮމިޝަނުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން 10 ވަރަކަށް ޗެނަލްގެ ޚިދުމަތް ދެވޭނެކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޗެނަލްތައް ވެގެންދާނީ ޕްރައިވެޓް ޗެނަލް ތަކަކަށްކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވިއެވެ. އަދި މި އެއްބަސްވުމުގައި ވާގޮތުން މި ޕްރޮޖެކްޓް 23 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވީނަމަވެސް ކަންޑައެޅިފައިވާ މުއްދަތުގެ ކުރިން މަސައްކަތް ނިންމާ ޙިދުމަތް ފޯރުކޮށްދޭނެކަމަށް ޚަލީލް ވިދާޅުވިއެވެ.