ތަރައްްޤީ

ދ.އެއަރޕޯޓްގެ ފެރީޓަރމިނަލްގެ ނެރު ފުންކުރަން ފަށައިފި


ދ ކުޑަހުވަދޫގައި ތަރައްޤީކޮށްފައިވާ ދ.އެއަރޕޯޓްގެ ފެރީޓަރމިނަލް ހަދާ ސަރަހަށްދުގެ ނެރުފުންކުރުމުގެ މަސައްކަތް އެއާރޕޯޓް ތަރައްޤީކުރާ ކުންފުނިން ފަށައިފިއެވެ. ކުޑަހުވަދޫ ހުޅަނގު ފަރާތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފެރީ ޓަރމިނަލަކީ އެއަރ ޕޯޓްގެ ބޭނުންތަކަށް ޚާއްސަކުރެވިގެން ތަރައްޤީކުރާ ފެރީޓަރމިނަލެކެވެ.

ފެރީޓަރމިނަލް ހަދާ ސަރަޙައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް ފަށާފައިވާއިރު މާ ލަސްތަކެއް ނުވެ ފެރީ ޓަރމިނަލްގެ ޢަމަލީ މަސައްކަތްވެސް ފެށިގެން ދާނެކަމަށް ދ. އެއާރޕޯޓްގެ ޖެނެރަލް މެނޭޖަރ އަޙުމަދު ލަތީފް ވިދާޅުވިއެވެ. އެއާރޕޯޓުގެ ބޭނުންތަކަށް ކުޑަހުވަދޫގެ ހުޅަނގުފަރާތުން ޙާއްސަކުރެވިފައިވާ މަގާއި އިންވެގެން ތަރައްޤީ ކުރާ މި ޓަރމިނަލަކީ ރަނގަޅު ފެންވަރެއްގެ ޓަރމިނަލެއްކަމަށާއި އެސަރަޙައްދުގައި ހަދާ ޖެޓީ ޚާއްސަ ކުރެވިގެންދާނީ އެއަރ ޕޯޓްގެ ބޭނުން ހިފާ ޕަސެންޖަރުންނަށްކަމަށް ލަތީފް ވިދާޅުވިއެވެ.

"އެއަރ ޕޯޓަށް އަންނަމީހުންނާ ފުރާ މީހުންނަށް އަތިރިމަތީގައި ވަކި ސަރަޙައްދެއް ހެދި ވަކި ޖެޓީއެއް ހެދި އަދި ފަޅުގެވެސް ވަކި ނެރަކުން ވަދެ ނުކުމެހެދުމުގެ މަސައްކަތް ތަކެއް ކައުންސިލާ ގުޅިގެން މިގެންދަނީ ކުރަމުން. މިހާރު އަޅުގަނޑުމެންގެ ޑްރެޖާރ އެއޮތީ ނެރުފުންކުރުމުގެ މަސައްކަތުގައި. ނެރުފުންކޮށް އެސަރަހައްދަށް ވެލި އަޅާ ނިމުމުން ފެރީ ޓަރމިނަލްގެ މަސައްކަތްވެސް މާ ލަސްތަކެއް ނުވެ ފެށިގެންދާނެ." ލަތީފް ވިދާޅުވިއެވެ.

އެއާރޕޯޓްގެ ޙިދުމަތްހޯދާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޙިދުމަތެއް ފޯރުކޮށްދިނުމަކީ ދ.އެއާރޕޯޓްގެ އަމާޒްކަމަށާއި އެފަދަ ޙިދުމަތަކަށް އެއާރޕޯޓުން ފުރިހަމަޔަށް ތައްޔާރުވަމުންދާކަމަށް ލަތީފް ވިދާޅުވިއެވެ. މިގޮތުން އެރައިވަލް ޕަސެންޖަރުން ދަތުރުކުރުމަށް ޚާއްސަކޮށް 30 ގޮނޑީގެ ފުލީ އެއާރކޮންޑިޝަން 2 ބަސް މިހާރު ކުޑަހުވަދޫއަށް ގެންގޮސްފައިވާކަމަށް ލަތީފް ވިދާޅުވިއެވެ. އަދި ލަގެޖް އުފުލުމަށް ދެ ޓްރަކްވެސް ޚާއްސަކުރެވިގެން ދާނެކަމަށް ލަތީފްވިދާޅުވިއެވެ.

"އެރައިވަލް ޕަސެންޛަރސްއަށް އަޅުގަނޑުމެން ވަނީ 30 ގޮނޑީގެ ދެ ބަހުގެ ޙިދުމަތް ލިބިލައްވާނެ. ޓަރމިނަލްއިން އަތިރިމަތީ ޖެޓީއަށް ޖެޓީން ޓަރމިނަލްއަށް އަޅުގަނޑުމެންގެ  ބަހުގެ ޙިދުމަތް ލިބިލައްވާނެ. މި ބަސްތަކަކީ ފްލީ އެއާރކޮންޑިޝަން ބްރޭންޑް ނިޔު އިކްއިޕްމެންޓްސް" ލަތީފް ވިދާޅުވިއެވެ.

ދ. ކުޑަހުވަދޫގައި ތަރައްޤީކޮށްފައިވާ ދާލު އެއަރޕޯޓަކީ ރާއްޖޭގައި މިހާތަނަށް ތަރައްޤީކޮށްފައިވާ، ޖާގައިގެގޮތުން ބަލާނަމަ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޑޮމެސްޓިކް އެއަރޕޯޓެވެ. ކުޑަހުވަދޫ އެއަރޕޯޓުގެ މަޝްރޫޢަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ޙަރަދުވާއިރު، މި އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ އެރަށުގެ ފަޅުން ގާތްގަނޑަކަށް 62 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މިހާރު ދާލު އެއަރޕޯޓުން ތައްޔާރުވަމުންދަނީ އެއަރޕޯޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.