ކުޅިވަރު

ލީގު ޗެމްޕިއަން ބަލިކޮށް، އާސެނަލް އެފްއޭކަޕް ކާމިޔާބުކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށް، އިނގިރޭސި އެފްއޭކަޕްގެ ޗެމްޕިއަންކަން އާސެނަލް ހޯދައިފިއެވެ. 

ޗެމްޕިއަންސްލީގުގެ ފުރުޞަތުވެސް ގެއްލި، ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން އަމާޒުވެ ކުރިމަގާމެދުވެސް ސުވާލު އުފެދިފައިވާ ވެންގަރ އާސެނަލްއަށް އެފްއޭކަޕް ހޯދައިދިނީ 2-1 ން ޗެލްސީ ބަލިކޮށްގެންނެވެ. 

އާސެނަލްއިން މެޗު ކާމިޔާބުކުރީ ޗެލްސީގެ މޯސެސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑް ދެއްކުމުން އެޓީމް 10 ކުޅުންތެރިންނާއެކު ކުޅެމުން ދަނިކޮށެވެ. 68 ވަނަ މިނިޓުން ފެށިގެން ޗެލްސީ ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ. ނަމަވެސް އޭގެ ކުރިން ސަންޗޭޒް ލަނޑު ޖަހާ އާސެނަލްއަށް ކުރި ހޯދައިދިނެވެ. ސަންޗޭޒް ލަނޑު ޖެހީ ހަތަރު ވަނަ މިނިޓްގައެވެ. 

އެކަކު މަދުކޮށް ކުޅެމުން ދަނިކޮށް ޑިއެގޯ ކޮސްޓާ ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް، އެގޮތުގައި ދެމި އޮވެވުނީ އެންމެ ދެ މިނިޓެވެ. ރަމްސޭ ލަނޑު ޖަހާ އާސެނަލްގެ ސަޕޯޓަރުން ހެއްވާލިއެވެ. 

މިއީ އާސެނަލް އެފްއޭކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. އަދި މިއީ ވެންގަރ އާސެނަލްއަށް ކާމިޔާބުކޮށްދިން 7 ވަނަ އެފްއޭކަޕެވެ. މިއީ އެހެން ކޯޗަކަށް ހޯދިފައިވާ ކާމިޔާބީއެއްނޫނެވެ.