ޚަބަރު

މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓް ލިބޭނެ- ސްޓެލްކޯ


މާލޭގެ ބޮޑު ބަޔަކުން ރޭ ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، ދިމާވި މައްސަލަ ހައްލުކޮށް މިހާރު ކަރަންޓްގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް ދެމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މާލެއަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދިޔަ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރޭ މެންދަމު ދޭއްޖަހާކަންހާއިރު މާލޭގެ ބޮޑު ބަޔަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވެއެވެ. މި މައްސަލަ ހައްލުކޮށް ކަރަންޓްގެ ޚިދުމަތް ކެނޑުނު ހުރިހާ ސަރަހައްދަކަށް ރޭ ފަތިހު ހަތަރު ގަޑި ފަންސާސް ހާއިރު އަލުން ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. ނަމަވެސް ކަރަންޓް ކެނޑުނު ހާދިސާއާ ގުޅިގެން ގެންނަން ޖެހުނު ބައެއް އަޕްގްރޭޑްތައް ގެނައުމަށްޓަކާ ހެނދުނު ހަޔަކާއި ހަތަކާ ދޭތެރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ވަގުތު ކޮޅަކަށް ކަރަންޓް ކަނޑާލަންޖެހުނު ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. ނަމަވެސް މިހާރު މާލޭގެ ހުރިހާ ސަރަހައްދަކަށްވެސް ކުރިއެކޭ އެއްގޮތަށް ކަރަންޓް ލިބޭނެކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.