ޚަބަރު

ޕީއެސްއެމުން ދެ ޖަމްޢިއްޔާއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


ރާއްޖޭގެ ރައްޔިތުންނަށް ދީނީ އިޖްތިމާޢީ އަދި އަޚްލާޤިއްޔާތު ދަސްކޮށްދިނުމާއި އެކަމާގުޅޭ ޞައްޙަ މަޢުލޫމާތު ޢާންމުންނަށް ލިބިދިނުމަށް ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމްއިން ދީނީ ދެ ޖަމްޢިއްޔާއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕީއެސްއެމްއިން މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޖަމްޢިއްޔަތުއްސަލަފާއި އަލްއަޞްރު ޖަމްޢިއްޔާއާ އެކުގައެވެ. މިރަސްމިއްޔާތު ބޭއްވީ މިއަދު ހަވީރު ސެނެކޯ މާލަމުގައެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ސާބިތުކަންމަތީ ދެމި ތިބި ބައެކެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތާ އެތައްސަތޭކަ އަހަރެއް ވަނީ ވެފައެވެ. ހަމަ މިއާއެކު ދިވެހިންނަކީ ޒަމާނުއްސުރެ ރިވެތި އަޚުލާޤެއްގެ ވެރިބައެކެވެ. ދިވެހިންނަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އެކަކު އަނެކަކަށް އެހީވުމުގައި ނަމޫނާ ބައެކެވެ. ދިވެހިންނަކީ މުޅި ދުނިޔެއަށް އެކަމުގެ ނަމޫނާ ދައްކުވައިދީފައިވާ ބައެކެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަކީ މިކަމުގެ ފުރިހަމަ ނަމޫނާއެކެވެ.

ކޮންމެއަކަސް މިއަދު މިވަނީ ޒަމާން ބަދަލުވެފައެވެ. ދިވެހިންގެ އުޅުމާ ދިވެހިންގެ އާދަކާދައަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިއަދު ދިވެހިންގެ އާބާދީގެ ބޮޑުބައެއް އިންޓަރނެޓާއި ޝޯޝަލް މީޑިއާގައި އެމީހުންގެ ދުވަހުގެ ބޮޑުބައެއް ހޭދަކުރަމުން އަންނައިރު ފިކުރީ ހަނގުރާމައަކީ މިއަދު އިންޓަރނެޓުގައި އެންމެ ފޯރިއާއެކު ބަޔަކު ކުރަމުން އަންނަ އެއް ކަންތަކެވެ. މި ވަބާއިން އަޅުގަނޑުމެން ދިވެހިން ސަލާމަތްކޮށް، ދިވެހިންގެ އިޖްތިމާޢީ އަޚުލާޤީ އަދި ދީނީ ކަންކަން އިހުނަށްވުރެ ވަރުގަދަކުރަންޖެހެއެވެ.

މިފަދަ ހުރިހާ ކަމަކުން ދިވެހިން ސަލާމަތް ކުރުމަށާއި ދިވެހިންގެ މެދުގައި އެފަދަ ކަންކަން އާލާކުރުމަށް ސަރުކާރުން ވަނީ ތަރިކަ މަޝްރޫޢުގެ ނަމުގައި ޤައުމީ ބޮޑު މަޝްރޫޢެއް ފަށްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުގެ މަތިން ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްއިންވެސް އަންނަނީ ދިވެހިންގެ އަޚުލާޤާ އިޖްތިމާޢީ އަދި ދީނީ މަޢުލޫމާތު ދިވެހިންނަށް ފެތުރުމަށް އެ ކުންފުނީގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަލް އަޞްރު ޖަމްޢިއްޔާއާއި ޖަމްޢިއްޔަތުއް ސަލަފާއެކު ވަކިވަކިން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ އެ ދެ ޖަމްޢިއްޔާގެ ކޮންޓެންޓް ޕީއެސްއެމްގެ ޗެނަލްތަކުން ދައްކާނެ ކަމަށެވެ. އަދި ޕީއެސްއެމްއިންވެސް އެ ދެ ޖަމިއްޔާއާ ގުޅިގެން އިޖްތިމާޢީ އަދި ދީނީ ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންދާނެކަމަށް އިބްރާހީމް ޚަލީލް ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14958026993975.jpg|ޕީއެސްއެމާއި އަލްއަޞްރު ޖަމްޢިއްޔާ އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޙަސަން މޫސާ ފިކުރީ ވިދާޅުވީ އެ ޖަމްޢިއްޔާ އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީވެސް ދިވެހިންގެ މެދުގައި އޮތް އިޖްތިމާޢީ އަޚްލާޤީ އަދި ދީނީ ވަޙްދަތު އާލާކޮށް ދިރުވުން ކަމަށެވެ. އަލްއަޞްރު ޖަމްޢިއްޔާއިން ޕީއެސްއެމްއާއެކު މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެ ޖަމްޢިއްޔާގެ ރައީސް ހިޝާމް އަންވަރު ވިދާޅުވީ އެ ޖަމްޢިއްޔާ މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ދީނީ އަދި އިޖްތިމާޢީ މަޢުލޫމާތު ދިނުމަށް ޕީއެސްއެމްއިން ނިންމުމަކީ އެ ޖަމްޢިއްޔާއިން އެކަމާ އުފާކުރާ ކަމެއް ކަމަށެވެ. އަދި އެކަމުގައި ޕީއެސްއެމްއަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ދީނީ މަޢުލޫމާތާއި އިޖްތިމާޢީ އަދ އަޚުލާޤީ މަޢުލޫމާތު ދިނުމުގެ ގޮތުން ޕީއެސްއެމްއިން އަންނަނީ ދީނުގެ އަޑުގެ ނަމުގައި ރޭޑިއޯ ޗެނަލަކާއި މުންނާރުގެ ނަމުގައި ޓީވީ ޗެނަލެއްވެސް ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.