ޚަބަރު

ރޯދަމަހަށް މާލޭގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި


ރޯދަމަހަށް މާލޭގެ ޓްރެފިކް ޕްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޓްރެފިކް ފުލުހުން މަގުމައްޗަށް ނުކުމެއްޖެއެވެ. ޓްރެފިކް ފްލޯއަށް ގެނައި ބަދަލާއި އެކު ބައެއް މަގުތައް ވަންވޭކޮށް ބައެއް ސަރަޙައްދުތަކަށް ހަތަރުފުރޮޅުލީ އުޅަނދުތަކަށް ވަކި ވަގުތުތަކެއްގައި ނުވަދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މާލޭގެ ޓްރެފިކް ފްލޯއަށް މައިގަނޑު ތިން ބަދަލެއް ގެނެސްފައިވެއެވެ. އެންމެ ބޮޑު ބަދަލެއް އައިސްފައިވާ އެއް ސަރަހައްދަކީ ބާޒާރުމައްޗެވެ. ކޮންމެ އަހަރެއްގެވެސް ރޯދަމަހުވެސް ލޯކަލް މާރުކޭޓް ސަރަހައްދުގެ ޓްރެފިކް ކާރުބާރު ބޮޑު ތިއްޖެހޭ ވަގުތުތައް އާދެއެވެ. ބާޒާރުމަތީގެ ޓްރެފިކަށް ގެނައި ބަދަލަށް ބަލާލާއިރު ވަކި ސަރަޙައްދަކަށް ހަތަރުފުރޮޅު ލީ އުޅަނދުތައް ވަނުން ވަނީ މަނާކޮށްފައެވެ. މިގޮތުން ބޮޑުތަކުރުފާނު މަގު ރުއްކެނޑި ހިނގުމުން އިރަށްގޮސް ޗާންދަނީމަގާއި ހަމަޔަށް ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދެއް ދަތުރުކުރުންވަނީ މަނާކޮށްފައެވެ.

އެހެންނަމަވެސް މި ގަޑިތަކުގައި ދެ ފުރޮޅުލީ އުޅަނދުތަކަށް ބޮޑުތަކުރުފާނު މަގުން އިރަށް ދަތުރު ކުރެވޭނެއެވެ. ބާޒާރުމަތީ ސަރަޙައްދުގައި މުދާ އަރުވާ އުފުލުމަށް އުޅަނދު މަޑުކުރުމުގެ ފުރުސަތު ނުދޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ސަރަޙައްދުގެ މަގުމަތީގައި ހިނގާފަރާތްތަކަށް އުނދަގޫވާގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ނަގާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ރޯދަމަހު ބާޒާރުމަތީގައި ޕާކްކުރެވޭނީ ބޮޑުތަކުރުފާނު މަގު ލޯކަލް މާރުކޭޓު ވަށައިގެންވާ ސަރަހައްދުގައެވެ.

މާލެ ވިލިނގިލި ފެރީ ޓާމިނަލް ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް އަންނަ ބަދަލުތަކަށް ބަލާލާއިރު ހަވީރު ހަތަރަކުން އިރުއޮއްސި ހަތަރުގަޑި ތިރީހާއި ހަމައަށް އަމީނީ މަގު ކަނބާ އައިސާރަނި ހިނގުމުން ފެށިގެން ހުޅަނގުން އިރުން ހުޅަނގަށް ދުއްވާއެއްޗެހި ދުއްވުން ބަންދުކުރެވިފައިވެއެވެ.

ރޯދަ މަހާއި ގުޅިގެން މާލޭ ޓްރެފިކަށް ދެން އަންނަ އެންމެ ބޮޑު ބަދަލަކީ ރަސްފަންނު ސަރަޙައްދަށް ހަވީރު ހަތަރަކުން އިރުއޮއްސި ހަގަޑި ތިރީހަށް އެއްވެސް އުޅަނދަކަށް ދަތުރުފަތުރު ނުކުރެވޭނެ ގޮތަށް ހަމަޖެއްސުމެވެ. މި ބަދަލާއިއެކު ތާޖުއްދީން ސްކޫލް ހުންނަ ކަނބާއައިސާރަނި ހިނގުން މަޖީދީމަގުން ފެށިގެން އުތުރަށްގޮސް ބޮޑުތަކުރުފާނު މަގާހަމަޔަށް ދެކޮޅަށް ދުއްވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މިބަދަލާއިއެކު މިހާރު ދެފަރާތުގައި ޕާރކް ކުރެވެމުންދާ މި މަގުގައި ރޯދަމަހު ޕާރކް ކުރަން ހަމަޖެހިފައިވަނީ އެއް ފަރާތުގައިކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސް ވިދާޅުވެއެވެ.