ކުޅިވަރު

ޒޯން 7 ގެ ޗެމްޕިއަންކަން ތިނަދޫ ހޯދައިފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން 7 ގެ ޗެމްޕިއަންކަން ގދ.ތިނަދޫ ހޯދައިފިއެވެ.

ގދ.އަތޮޅުގެ ޗެމްޕިއަން ތިނަދޫ ޗެމްޕިއަންކަން ހޯދީ ދެ ލެގުގައިވެސް ގއ.ގެ ޗެމްޕިއަން ނިލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. އިއްޔެ ކުޅުނު ދެވަނަ ލެގުގެ މެޗު ތިނަދޫ ކާމިޔާބުކުރީ 2-1 ނެވެ. މެޗު ތިނަދޫ ކާމިޔާބުކުރީ ނިލަންދޫން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހާގެންނެވެ. ނިލަންދޫ ޓީމްގެ ލަނޑު ޖެހީ ޗަންނައެވެ. އޭގެ ތިން މިނިޓްފަހުން ތިނަދޫ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް ޝަރޫޤުއެވެ. ނަތީޖާ ހަމަހަމަކުރިތާ ތިން މިނިޓް ފަހުން ތިނަދޫއަށް ކުރި ހޯދައިދިނީވެސް ޝަރޫގެވެ. މެޗުގައި ތިން ލަނޑުވެސް ފެނިގެން ދިޔައީ ދެވަނަ ހާފްގައެވެ. ފުރަތަމަ ލެގުގެ މެޗު ތިނަދޫ ކާމިޔާބުކުރީ 5-1 ންނެވެ.

މުބާރާތުގެ ޒޯން 8 ގެ ޗެމްޕިއަންކަން އައްޑޫ ސިޓީގެ ފޭދޫ ވަނީ ހޯދާފައެވެ. އަދި ޒޯން 6 ގެ ޗެމްޕިއަންކަން ހޯދީ ތ.ތިމަރަފުށްޓެވެ.

ޒޯން ޗެމްޕިއަނުން ދެން ވާދަކުރާނީ ދިވެހި ލީގު ކޮލިފިކޭޝަންގައެވެ. އަށް ޒޯންގެ ޗެމްޕިއަނުން ވާދަކޮށް ކުރި ހޯދާ ހަތަރު ޓީމަށް ދިވެހި ލީގުގައި މާލޭ ލީގުގެ ގަދަ ހަތަރު ޓީމާ ވާދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ.