ޚަބަރު

ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި


ސަޢޫދި އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާލެ ވަޑައިގެންފިއެވެ. 

އެމަނިކުފާނު މާލެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ސައުދި އަރަބިޔާއަށް ރައީސް ކުރެއްވި ދަތުރުފުޅަކީ މި މަހުގެ 21 ގައި، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް"ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ސައުދިއަރަބިޔާގެ ރަސްގެފާނުގެ ދައުވަތަށް ކުރެއްވި ދަތުރުފުޅެކެވެ. 

img:http://s3.psmnews.mv/images/660x400/14955243886118.jpg|ސަޢުދީ ދަތުރުފުޅަށްފަހު ރައީސް ޔާމިން މާލެ ވަޑައިގަތުން / ފޮޓޯ: ރައީސް އޮފީސް

ރިޔާޟުގެ ކިންގ ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް އަލްވަދާއު ދެންނެވީ ސައުދީ ކެބިނެޓްގެ އިސްވެރިންނެވެ. ރައީސް ސަޢުދިއަރަބިޔާއަށް ކުރެއްވި ދަތުރުފުޅުގައި އަލަށް ޤާއިމުކުރެވުނު ގްލޯބަލް ސެންޓަރ ފޯ ކޮމްބެޓިންގ އެކްސްޓްރީމިސްޓް އައިޑިއޮލޮޖީ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީއަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވިއެވެ. 

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމްއާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.