ޕަބްޖީ ނޭޝަނަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ރާއްޖޭގެ 3 ޓީމެއް ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ހޯދައިފިއެވެ.
ޕަބްޖީ ނޭޝަނަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ތިން ޓީމަކީ ސިންޑިކޭޓް، އެލްއެންއެން އަދި ޑީސީއެމްއެވެ. މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ، އުރީދޫ ނޭޝަނެވެ.
މި މަހުގެ 14 އަދި 15 ގައި މާލޭގެ ޔޫތު ހަބުގައި ބޭއްވި މި މުބާރާތުގެ ނޭޝަނަލް ފައިނަލުގައި ރާއްޖޭގެ އެންމެ ގަދަ 16 ޕަބްޖީ މޮބައިލް ޓީމު ވަނީ، ވާދަކޮށްފައެވެ.
ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުޅުނު ފޯރިގަދަ 10 މެޗަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ސިންޑިކޭޓް ވަނީ ހޯދާފައެވެ. ފަސްޓް ރަނަރަޕްކަން ހޯދީ، އެލްއެންއެން އެސްޑީއެމްޒެޑެވެ. އަދި ސެކަންޑް ރަނަރަޕްކަން ހޯދާފައިވަނީ، ޑީސީއެމް ޑީއެމްޓީއެވެ.
މިކަމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒު ވިދާޅުވީ، އުރީދޫ ނޭޝަންގެ އަމާޒަކީ ރާއްޖޭގެ ޒުވާން އީސްޕޯޓްސް އެތުލީޓުންނަށް ވާދަކޮށް، ކުރިއަރައި، ބައިނަލްއަޤުވާމީ ފެންވަރުގައި ހުނަރު ސާބިތުކޮށް، ބޮޑެތި މައިޒާންތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިން ޓީމެއް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕަށް ހޮވުމަކީ، މުޅި ދިވެހި އީސްޕޯޓްސް އާއިލާއަށްވެސް ލިބުނު ފަޚުރެއްކަން ފާހަގަކުރައްވަމުން ނިޔާޒު ވަނީ، ސިންޑިކޭޓް، އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީއަށް މަރުޙަބާ ކިޔައި، ސަރަޙައްދީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރުމުގައި ކާމިޔާބީއަށް އެދިފައެވެ.
އުރީދޫ ނޭޝަން މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން ދަނީ ރާއްޖޭގެ ގޭމިން އަދި އީ-ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް ސިލްސިލާކޮށް އިންވެސްޓްކޮށް، މުޅި ރާއްޖޭގެ ގޭމަރުންނަށް ވާދަވެރި މުބާރާތްތަކުގައި ބައިވެރިވެ ކުރިއެރުން ހޯދުމުގެ ފުރުޞަތު ފަހިކޮށްދެމުންނެވެ. މިއީ، އިންޓަނެޓާއި ޓެކްނޮލޮޖީގެ އެހީގައި ދިވެހިންނަށް އައު ފުރުޞަތުތައް ހޯދައިދިނުމަށް އެ ކުންފުނިން ގެންގުޅޭ 'ޑިޖިޓަލް މޯލްޑިވްސް' ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ ކާމިޔާބީ ހޯދި ތިން ޓީމަށް މަރުޙަބާ ކިޔައި، ކުރިއަށް އޮތް ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026ގައި ރާއްޖެ ތަމްސީލު ކުރުމުގައި އެ ޓީމުތަކަށް ކާމިޔާބީއަށް އެދިފައެވެ.