ޚަބަރު

ދިވެހި ރެޑް ކްރެސެންޓުގެ ޚިދުމަތަށް 17 އަހަރު!


  • ދިވެހި ރެޑް ކްރެސެންޓް އުފެދުނީ 16 އޯގަސްޓް 2009ގައި

  • މިހާތަނަށް 17,916 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން

އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ޚިދުމަތުގެ އެންމެ އިސް ޖަމިއްޔާ، ދިވެހި ރެޑް ކްރެސެންޓް (އެމްއާރސީ)ގެ ޚިދުމަތަށް 17 އަހަރު ފުރިއްޖެއެވެ.

ދިވެހި ރެޑް ކްރެސެންޓަކީ، ރާއްޖޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެހީތެރިވެދޭ މުސްތަޤިއްލު، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މިއީ ދިވެހިރާއްޖޭގެ ރެޑް ކްރެސެންޓުގެ ޤާނޫނުގެ ދަށުން، އިންސާނުންނަށް ލިބޭ އަނިޔާތަކާއި ތަކުލީފުތައް ކުޑަކޮށްދީ، މުޖުތަމަޢުތަކުގެ ރައްކާތެރިކަމާއި ތައްޔާރީ ހާލަތު ވަރުގަދަ ކުރުމުގެ މަޤުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމްޢިއްޔާއިން މަސައްކަތްކުރަނީ، ބައިނަލްއަޤްވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ހަރަކާތުގެ އަސާސީ އުޞޫލުތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ.

ދިވެހިރާއްޖޭގައި މިފަދަ ޖަމްޢިއްޔާއެއް އުފެއްދުމުގެ މުހިންމުކަން ބޮޑުވީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު، ކުއްލި ޙާލަތްތަކުގައި އަވަސް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމީ ނިޒާމެއްގެ ބޭނުންތެރިކަން ބޮޑުވުމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2009 ވަނަ އަހަރުގެ އެޕްރީލް މަހު ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށް، މެއި 2009 ގައި އެ ޤާނޫނު ތަޞްދީޤުކުރިއެވެ.

އެއާއިއެކު، ދިވެހި ރެޑް ކްރެސެންޓް ރަސްމީކޮށް އުފެދުނީ، 16 އޯގަސްޓް 2009 ގައި މާލޭގައި ބޭއްވި އެ ޖަމްޢިއްޔާގެ ފުރަތަމަ އާންމު ޖަލްސާގައެވެ. އޭގެފަހުން، 9 ނޮވެމްބަރު 2011 ގައި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް، އައިސީއާރުސީއިން ވަނީ އެމްއާރުސީގެ މަސައްކަތް ރަސްމީކޮށް ބަލައިގަނެފައެވެ. އެއަށްފަހު، 23 ނޮވެމްބަރު 2011 ގައި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ސޮސައިޓީސް، އައިއެފްއާރުސީގެ 187 ވަނަ މެންބަރުގެ ގޮތުގައި އެމްއާރުސީ ބައިވެރިކުރިއެވެ.

ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތަށް ބަލައި، އެމްއާރުސީގެ ޚިދުމަތްތައް ފުޅާކޮށްފައިވަނީ އެކި ރަށްރަށުގައި އުފައްދާފައިވާ ޔުނިޓުތަކާއި، 3 ސަރަޙައްދީ އޮފީހާއި، ހުޅުމާލޭގައި ހުންނަ މައި އޮފީސް މެދުވެރިކޮށެވެ. މިގޮތަށް ރަށްރަށުގައި ތަމްރީނު ލިބިފައިވާ ހިލޭސާބަހަށް މަސައްކަތް ކުރާ މީހުން ތިބުމުގެ ސަބަބުން ކުއްލި ޙާލަތްތަކުގައި އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެއެވެ.

އެމްއާރުސީގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން 28,669 އަށްވުރެ ގިނަ ގަޑިއިރުގެ ޚިދުމަތްދީފައިވެއެވެ. އަދި 55 ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ސީދާ އެހީތެރިވެދީފައިވެއެވެ. މީގެއިތުރުން، އެކި ތަމްރީނުތަކާއި ޚިދުމަތްތައް މެދުވެރިކޮށް 17,916 އަށްވުރެ ގިނަ މީހުންނަށް ސީދާ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، 20 އަށްވުރެ ގިނަ ރަށުން 100،000 ގާތްކުރާ އަދަދެއްގެ މީހުންނަށް އެމްއާރުސީގެ ޚިދުމަތްތައް ދީފައިވެއެވެ.

ދިވެހި ރެޑް ކްރެސެންޓުން ދަނީ، އާންމު ޞިއްޙަތާއި ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޤައުމީ ފެންވަރުގެ ބޮޑެތި ހަރަކާތްތަކުގައި ފަސްޓްއެއިޑުގެ ޚިދުމަތް ދިނުމާއި، ހިމަބިއްސަށް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭން ފަދަ ކަންކަމުގައި ވެސް ސަރުކާރުގެ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެއިތުރުން، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގައްދޫ ފަދަ ސަރަޙައްދުތަކުގައި ވެސް ޚާއްޞަ ޕްރޮގްރާމްތައް ހިންގަމުންގެންދެއެވެ.

ތިމާވެށްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުވުމާއި ޒުވާނުން ބާރުވެރިކުރުވުމަކީވެސް އެމްއާރުސީގެ މުހިންމު އަމާޒެކެވެ. އެގޮތުން "މަދަދުވެނި ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް" ފަދަ ހަރަކާތްތަކުގެ ތެރެއިން ހއ އަދި ހދ އަތޮޅުގެ ޒުވާނުން ބައިވެރި ކޮށްގެން ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމުގެ މަސައްކަތްތަކެއްވެސް ކުރަމުންދެއެވެ. އަދި އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޤައުމީ ޕްލޭންތަކުގައި ބައިވެރިވެ، މުޖުތަމަޢުގައި ތިބި ނިކަމެތި ފަރާތްތަކާއި، ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްވެސް އެމްއާރުސީއިން ވަކާލާތު ކުރެއެވެ.

ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރެޑް ކްރެސެންޓުން ވަނީ، ރާއްޖޭގެ އިންސާނީ އެހީތެރިކަމުގެ ދާއިރާގައި ނުހަނު ބޭނުންތެރި އަދި މުހިންމު ބިންގަލެއްގެ ގޮތުގައި އެ ޖަމްޢިއްޔާގެ މަޤާމު ވަރުގަދަކޮށްފައެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވެފައި، ތިމާވެށީގެ ނުރައްކާތަކާއި، މޫސުމީ ކާރިސާތަކާއި، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކާތަކަށް ނާޒުކު ތަނަކަށްވާތީ، މުޅި ރާއްޖެއަށް ފެތުރިފައިވާ އެމްއާރުސީގެ ވިއުގައާއި ހިލޭސާބަހަށް މަސައްކަތް ކުރާ މެންބަރުންގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ.

އެހެންކަމުން، ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދޭ އެންމެ ބޮޑު އިންސާނީ ޖަމްޢިއްޔާގެ ގޮތުގައި، ކާރިސާތަކުން އަރައިގަތުމަށާއި، ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މުޖުތަމަޢުގައި ބާކީވެފައިވާ ފަރާތްތަކުގެ ޙައްޤުތައް ދެމެހެއްޓުމަށް އެމްއާރުސީއިން ކުރާ މަސައްކަތަކީ ދިވެހި މުޖުތަމަޢުގެ ރައްކާތެރިކަމާއި ކަރާމާތް ދެމެހެއްޓުމަށް ނުހަނު ބޭނުންތެރި، އަގުނުކުރެވޭ ފަދަ މުހިންމު ޚިދުމަތެކެވެ.