ޚަބަރު

ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިގޮތް ބަލަން އެޗްއާރްސީއެމުން އާއިލާއާ ބެހޭ ވުޒާރާއަށް


  • އާއިލާއާ ބެހޭ ވުޒާރާއަށް އެޗްއާރްސީއެމުން ގޮސްފައިވަނީ މިއަދު ހެނދުނު 09:00ގައި

  • މި މައްސަލައާ ގުޅިގެން އިންޓަރވިއުކުރަންޖެހޭ ފަރާތްތަކާއި ދަނީ އިންޓަރވިއުކުރަމުން

އުފަންވުމާއެކު ދައުލަތަށް ކުއްޖަކު ނެގުމުގައި، ޞިއްޙަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ޢަމަލުކޮށްފައިވާ ގޮތް ބެލުމަށް، އަމުރަކާއެކު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްއާރްސީއެމުން ވިދާޅުވީ، ހުޅުމާލޭގައި ހިންގާ އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއަށް އެޗްއާރްސީއެމުން ގޮސްފައިވަނީ މިއަދު ހެނދުނު 09:00ގައި ކަމަށެވެ. އަދި އެޗްއާރްސީއެމްގެ މުވައްޒަފުންދަނީ މި މައްސަލައާ ގުޅިގެން އިންޓަރވިއުކުރަންޖެހޭ ފަރާތްތަކާއި އިންޓަރވިއުކޮށް ބަލަންޖެހޭކަންކަން ބަލަމުން އަންނަކަމަށް އެޗްއާރްސީއެމުން ވިދާޅުވިއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ މައްސަލައިގެ ތަހުޤީގަށް، ޞިއްޙަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ފުރިހަމައަށް އެއްބާރުލުންދެމުންދާކަމަށެވެ. އަދި މި މައްސަލައިގެ މަސައްކަތް މިއަދުގެ ނިޔަލަށް ނުނިމޭނަމަ މާދަމާވެސް އެ މަސައްކަތް ކުރިއަށްދާނެކަމަށް އެޗްއާރްސީއެމުން ވިދާޅުވިއެވެ. އެޗްއާރްސީއެމުން އެ ވުޒާރާ ބެލުމުގެ، އަމުރު ހޯދާފައި ވަނީ އެޗްއާރުސީއެމްގެ ގާނޫނުން ތަހުގީގު ކުރުމުގެ ބާރު ލިބިދޭ 20 ވަނަ މާއްދާ އާއި 21 އަދި 22 ވަނަ މާއްދާގެ ދަށުންނެވެ. އެޗްއާރްސީއެމުން ޞިއްޙަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާ ބެލުމަށް އަމުރު ހޯދާފައިވަނީ މިއަދު ހެނދުނު 9:00 އިން މާދަމާ ރޭ 11:59 އަށެވެ.

މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް އަންނަ ކަމަށް ބުނެ ޝަކުވާ ހުށަހަޅައިފިނަމަ، ނުވަތަ ކޮމިޝަނަށް އެފަދަ ކަމެއް ފާހަގަވެއްޖެނަމަ އަމިއްލައަށް އިސްނަގައިގެން މައްސަލަ ތަހުގީގުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިދީފައިވެއެވެ. ކުޑަކުއްޖަކު ދައުލަތަށް ނެގިގޮތާއި މެދު ބައެއް ފަރާތްތަކުން ސުވާލުކުރައްވަމުންދާއިރު، ޞިއްޙަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ބުނެފައިވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި ކުއްޖަކު އެގޮތަށް ނަގާނީ އާއިލާ އިން ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި އެކަނި ކަމަށެވެ.