ތިމާވެށި

ތިމާވެށި ހިމާޔަތް ކުރަން އެންމެން މަސައްކަތް ކުރުމަށް ގޮވާލައިފި


ދިވެހިރާއްޖޭގެ އިޤްތިސާދު ބިނާވެފައިވަނީ ރާއްޖޭގެ ގުދުރަތީ ތިމާވެށިގެ މައްޗަށް ކަމަށާއި ތިމާވެށި ހިމާޔަތް ކުރަން އެންމެން މަސައްކަތް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ގޮވާލައްވައިފިއެވެ.

އިންޓަރނޭޝަނަލް ބަޔޯޑައިވަރސިޓީ ދުވަސް ފާހަގަކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމާއި މަސްވެރިކަމާއި އަދި ދަނޑުވެރިކަމަކީ ރާއްޖޭގެ މައިގަނޑު މަސައްކަތްތައް ކަމަށާއި މި ދާއިރާތަކަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތިމާވެއްޓެއް ކަމަށެވެ.

މިއަހަރުގެ ބަޔޯޑައިވަރސިޓީ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ބަޔޯ ޑައިވާރސިޓީ އެންޑް ސަސްޓެއިނަބަލް ޓުއަރިޒަމް" އެވެ. މި ޝިއާރާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިން ބޭނުންވަނީ ހިމާޔަތްކޮށްފައިވާ ސާފު ތިމާވެއްޓެއްކަމަށާއި އެހެންކަމުން ދިރޭ ތަކެތީގެ ނަސްލު ހިމާޔަތް ކުރަންޖެހޭ ކަމަށެވެ. tw:https://twitter.com/Thoriqibrahim/status/866592380425719810

މިރަސްމިއްޔާތުގައި އެންވަޔަރމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތިމާވެށިގެ ނަސްލު ހަލާކުވެގެންދަނީ އަހަރަމެންގެ އިހުމާލުން ކަމަށާއި ތިމާވެށި ރައްކާތެރިކަމާއިއެކު ކުރިއަށް އޮތް ޖީލުތަކަށް ގެންދިއުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

މި ރަސްމިޔާތުގައި، "މޯލްޑިވްސް ކޮންޒަވޭޝަން ޕޯޓަލް"ގެ ނަމުގައި ވަނީ ވެބްސައިޓެއް ލޯންޗް ކޮށްފައެވެ. މި ވެބްސައިޓަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭގޮތުންނާއި ތިމާވެށި ރައްކާތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ލޯންޗް ކުރި ވެބްސައިޓެކެވެ.