ތިމާވެށި

މިއަދަކީ ދުނިޔޭގެ ބަޔޯޑައިވަސިޓީ ދުވަސް


ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ދިރޭ ތަކެއްޗާއި މާހައުލުތަކެއްވާ ޤައުމަކަށް ވުމުން ދެމެހެއްޓެނިވި ގޮތެއްގައި އެތަކެތި ބޭނުންކުރުމާއި، އެފަދަ ތަކެއްޗަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން އަޒުމް ކަނޑައެޅުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ. އީޕީއޭއިން މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ބަޔޯޑައިވަސިޓީ ދުވަހާ ގުޅިގެންނެވެ. މިދުވަހާ ގުޅުވައިގެން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ބަޔޯޑައިވަސިޓީއާއި ދެމެހެއްޓެނެވި ފަތުރުވެރިކަން" މިއެވެ.

ދުނިޔޭގެ ބަޔޯޑައިވަސިޓީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ދިރޭތަކެތީ ނަސްލު ޙިމާޔަތްކޮށް، ދިރޭތަކެތީގެ ނަސްލަށާއި ގުދުރަތީ މާހައުލުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބާރު އަޅާ، އާންމުން ޙޭލުންތެރިކުރުވުމެވެ.

ދިވެހިރާއްޖެއަކީ ދިރޭތެކެތީގެ ގޮތުން މުއްސަނދި ޤައުމެކެވެ. ރާއްޖޭގެ މޫދާ ފަރުތަކާއި، ކަނޑު އަޑީގެ ދިރުންތަކާއި، މަސްމަހާމެއްސާ ތިމާވެށްޓަކީ މުއްސަނދި އެހާމެ ނާޒުކު ތަންތަނެވެ.

ދުނިޔޭގެ މުރައިކައިގެ 5 އިންސައްތަ ހިމެނިފައި ވަނީ ރާއްޖޭގައެވެ. 250 އަށް ވުރެ ގިނަ ވައްތަރުގެ މުރަކަ ރާއްޖޭގައި ހުރެއެވެ. ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު ކަމަށްވާއިރު، 1،100 އަށްވުރެ ގިނަ ވައްތަރުގެ ރާއްޖޭގެ މަސް ކަނޑުތަކުގައި އުޅެއެވެ. އެއްގަމުގެ ދިރުމަށް ބަލާއިރު، 580 އަށް ވުރެ ގިނަ ބާވަތުގެ ގަސް ހުރެއެވެ. އަދި 170 އަށް ވުރެ ދޫނި ރާއްޖޭގައި އުޅެމުންދާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ދުނިޔޭގެ ބަޔޯޑައިވަސިޓީ ދުވަހާ ގުޅުވައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދުގައި ބަޔޯޑައިވަސިޓީގެ ފައިދާ ދެމެހެއްޓެނެވި ގޮތެއްގައި ލިބޭނެ ގޮތަކަށް، ދިރޭތަކެތީގެ ނަސްލު ޙިމާޔަތަކުރަންޖެހޭ ކަމަށެވެ. އަދި ދިރޭތަކެތީގެ ނަސްލު ބޭނުންކުރުމުގައި ދިމާވާ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ނައީމް ފާހަގަކުރެއްވިއެވެ.

"ދިރޭތަކެތީގެ ނަސްލުގެ މުއްސަނދިކަމާ އިޤްތިސާދު ގުޅިފައި މި އޮންނަނީ، ފަތުރުވެރިންވެސް ރާއްޖެ މިއަންނަނީ ގުދުރަތުގެ ރީތިކަމާ ފަރުތަކާއި، މަސްމާހީގެ ރީތިކަން ބަލަން. ބަޔޯޑައިވަސިޓީ ރައްކާތެރިކުރުމަކީ އެހެން ޤައުމުތަކަށްވުރެ ރާއްޖެއިން ސަމާލުކަންދީގެން ކުރަންޖެހޭ ކަމެއް. ބަޔޮޑައިވަރސިޓީ ބޭނުންކުރުމުގައި ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންމެން އަޒުމް ކަނޑައަޅަންޖެހޭ" އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ދެ ދާއިރާ ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަން ބިނާވެފައި އޮތީވެސް ދިރޭތަކެތީގެ ނަސްލާ ވަރަށް ބޮޑު ގުޅިލާމެހިފައި ކަމަށެވެ.

"ބަޔޯޑައިވަސިޓީ ފައިދާ ވަރަށް މުހިންމު 4/3 ވަޒީފާ ސީދާ ގުޅިފައިވަނީ ބަޔޯޑައިވަސިޓީއާ. ޤައުމުގެ 90 އިންސައްތަ ޖީޑީޕީ ސީދާ ގޮތުން ގުޅިފައިވަނީ އޭގެ މުއްސަނދިކަމާއި، 3/2 ބޭރު ފައިސާ ލިބެނީ ބަޔޯޑައިވަރސިޓީގެ ތެރެއިން ލާފަ. ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ 98 އިންސައްތަ އެކްސްޕޯޓްއަކީ އެކި ދިރުންތަކާއި އޭގެ ބައިތައް" އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ދިރޭތެކެތީގެ ނަސްލު ޙިމާޔަތްކުރުމަށް ބާރު އަޅާ ޤައުމަކަށް ހެދުމުގެ ގޮތުން، ސަރުކާރުން ވަނީ ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓެރެޓެޖީ އެންޑް އެކްޝަން ޕްލޭނެއް މިދިޔަ އަހަރު އެކުލަވާލައްވާ، އެއަށް އަމަލުކުރައްވަމުންނެވެ. މިއީ ދުނިޔޭގެ ދިރޭތަކެއްޗާބެހޭ މުއާހަދާ ކޮންވެންޝަން އޮން ބަޔޮލިޖިކަލް ޑައިވާސިޓީ، ސީބީޑީގެ ދަށުން ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް އެކުލަވާލަންޖެހޭ އެކްޝަން ޕްލޭނެކެވެ. ދިރޭތަކެތީގެ ނަސްލަށާއި ގުދުރަތީ މާހައުލުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް މި އެކްޝަން ޕްލޭންގައި ބާރުއަޅައެވެ.