ތަރައްްޤީ

ކުޑަހުވަދޫ އެއާޕޯޓުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދަނީ


ދ. ކުޑަހުވަދޫގައި ސަރުކާރުން ތަރައްޤީކުރައްވާ އެއަރޕޯޓަކީ ރާއްޖޭގައި މިހާތަނަށް ޖާގައިގެގޮތުން ބަލާނަމަ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޑޮމެސްޓިކް އެއަރޕޯޓެވެ. ކުޑަހުވަދޫ އެއަރޕޯޓުގެ މަޝްރޫޢަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ޚަރަދުވާއިރު، މި އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ އެރަށުގެ ފަޅުން ގާތްގަނޑަކަށް 62 ހެކްޓަރުގެ ބިން ހިއްކައިގެނެވެ.

1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ހަދާ މި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް ޖެޓް ޕާކިންގ އޭރިއާއަކާއެކުއެވެ. ރަންވޭގެ ތާރުއެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ރަންވޭގެ ދެ ފަރާތުން މަގުތައް ލެވެލްކުރުމާއި، އެއަރޕޯޓާއިންވެގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. ހަމައެހެންމެ އެއަރޕޯޓުގެ ޓަވަރާއި، ޕަސެންޖަރ ޓާރމިނަލަށް ބޭނުންވާ އިކުއިޕްމަންޓްސްތަކާއި، އެއަރޕޯޓުގެ އޮޕަރޭޝަންސްތަކަށް ބޭނުންވާ ގްރައުންޑް ހޭންޑްލިންގ އިކުއިޕްމަންޓްތައް ގެނެސް، އެތަކެތި އޮޕަރޭޓްކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ކުޑަހުވަދޫ އެއައޕޯޓުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ދާލު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ލަތީފް ވިދާޅުވީ، އެއަރޕޯޓް އޮޕަރޭޝަނަށް ގެނެއުމަށްޓަކައި ބޭނުންވާ ސާމާނު ހޯދުމާއި، އެތަނުގައި ޤާއިމުކުރަންޖެހޭ ހުރިހާ ވަސީލަތްތަކެއްގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އެއަރޕޯޓުގެ ކޮމަރޝަލް އޮޕަރޭޝަންތައް ފެށުމުގެ ކުރިން ހަދަންޖެހޭ އެންމެފަހުގެ ޓެސްޓްތައް ހެދުމަށް މިހާރު ތައްޔާރުވަމުންދާކަމަށްވެސް އޭނާވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މިތަނަށް އެޕްރޫވިންގ ފްލައިޓް ޖެއްސިދާނެކަމުގެ އުއްމީދުވެސް މިވަނީ ލިބިފައި. ސިވިލް އޭވިއޭޝަނުންނާއި އައިލެންޑް އޭވިއޭޝަނުން ޓެކްނިކަލް ޓީމުން އައިސް މިތަން ބެލުމަށްފަހު އެންމެ ފުރަތަމަ އިނީޝިއަލް އިންސްޕެކްޝަން މިވަނީ ހަދާފައި. އަދި އެ ރިޕޯޓުވެސް އަޅުގަނޑުމެންނަށް މިހާރު ވަނީ ލިބިފައި. އެބޭފުޅުންގެ ރިޕޯޓުގައި ފާހަގަކޮށްފައިހުރި ބައެއް ކުދިކުދި ކަންތައްތައް އެޖެސްޓްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. މި އެއަރޕޯޓަކީ ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓްތަކަށް ބަލާނަމަ، އެންމެ ފެންވަރު ރަނގަޅު، އަދި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވޭ އެއަރޕޯޓެއް" އަޙްމަދު ލަތީފް ވިދާޅުވިއެވެ. 

ކުޑަހުވަދޫގައި ތަރައްޤީކުރާ އެއަރޕޯޓާއެކު، އިޤްތިޞާދީގޮތުން އެރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ކުޑަހުވަދޫ ކައުންސިލުންވެސް ޤަބޫލުކުރައްވައެވެ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޒަމީރު އިސްމާޢީލް ވިދާޅުވީ، ކުޑަހުވަދޫ އެއަރޕޯޓާއެކު ތަރައްޤީގެ އާ ކުލަވަރުތަކެއް އެރަށުން ފެންނަށް ފަށާފައިވާކަމަށެވެ.

"ކުޑަހުވަދޫ އެއަރޕޯޓަކީ ރާއްޖެތެރޭގައި ހެދިގެންދާ އެންމެ ކޮލެޓީ އެއް އެއަރޕޯޓުކަމުން، ކުޑަހުވަދޫ ރައްޔިތުން މިއަދު މިތިބީ މިކަން އުފަލާއެކު ބަލައިގަންނަން. އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި މި އެއަރޕޯޓުގެ ސަބަބުން މިރަށުގައި ގެސްޓް ހައުސް ވިޔަފާރި އިތުރަށް ފުޅާވުމާއި، ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެ، ހަމައެހެންމެ ދ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް އެކި ގޮތްގޮތުން ބޮޑެތި ފައިދާތަކެއްވެގެންދާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރަން." އެއަރޕޯޓާއި ބެހޭގޮތުން ވާހަކަދައްކަވަމުން މުޙައްމަދު ޒަމީރު އިސްމާޢީލް ވިދާޅުވިއެވެ.

ދ. ކުޑަހުވަދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ކުޑަހުވަދޫގެ އިތުރުން މުޅި ދ. އަތޮޅަށް އިޤްތިޞާދީގޮތުންނާއި، ތަރައްޤީގެގޮތުންވެސް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ވަރަށްވެސް އުއްމީދީ މަޝްރޫޢެކެވެ. މިސަރަޙައްދުގެ ރައްޔިތުން އެއަރޕޯޓް ހުޅުވާނެ ދުވަހަކަށް އިންތިޒާރުކުރަމުންދާއިރު، މިއީ މި ސަރަޙައްދަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ބޮޑު ހައްލެއް ގެނުވާނެ މަޝްރޫޢަކަށްވެގެންދާނެއެވެ.