ތިމާވެށި

ފުވައްމުލަކު ކުނި މެނޭޖްކުރުން ވެމްކޯއާ ޙަވާލުކުރައްވައިފި


ފުވައްމުލަކުގެ ކުނި މެނޭޖްކުރުމަށް ވެމްކޯއާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިޤް އިބްރާހީމްއެވެ. ވެމްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މުއީންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ތާރީޤު އިބްރާހީމް ވިދާޅުވީ ފުވައްމުލަކުގެ ކުނި މެނޭޖްކުރުމުގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި މި މަސައްކަތައް ބޭނުންވާ މީހުންނާއި ތަކެތި ހަމަޖެހިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވެމްކޯއާއެކު މިއަދު އެކުލަވާލެއްވި އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގެ ހުރިހާ ގެތަކަކަކުންނާއި ވިޔަފާރިކުރާ ތަންތަނުން އުފައްދާ ކުނި ކަނޑައެޅިފައިވާ ތާވަލެއްގެ ދަށުން ވޭސްޓް މެނޭޖްމަންޓް ސައިޓަށް ގެންގޮސް ރަނގަޅުގޮތުގައި ނަތްތާލަންޖެހެއެވެ. އަދި ފުވައްމުލަކު ސިޓީން އެއްކުރާ ކުނިތަކުގެ ތެރެއިން ނަތްތާނުލެވޭ ޒާތުގެ ކުންޏާއި ރީސައިކަލް ކުރާ ތަކެތި ގެންދިޔުމަށް ހަމަޖެހިފައިވަނީ އައްޑޫގައި ހުންނަ ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރަށެވެ.