ރިޕޯޓް

ޢާއިލީ ގުޅުން ބަދަހި ކުރުމަކީ އަމިއްލަ ޒިންމާއަކަށް ހަދަންޖެހޭ


ކޮށްމެ އަހަރެއްގަވެސް މޭމަހުގެ 15 ވަނަ ދުވަހަކީ ޢާއިލާތަކުގެ ދުވަހެއްގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރަމުންދާ ދުވަހެވެ. މި ދުވަސް ފާހަގަކުރަމުންދާއިރު އުފާވެރި ޢާއިލާއެއް ބިނާކުރުމައްޓަކައި އެންމެ މުހިންމު އެއްކަމަކީ އެކުގައި ވަގުތު ހޭދަކުރުމެވެ.

ޢާއިލާ އަކީ ކައިވެނީގެ ގުޅުން ނުވަތަ ލޭގެ ގޮތުން ގުޅިފައިވާ ފަރުދުންތަކެކެވެ. ޢާއިލީ ގުޅުމަކީ ޢާއިލާގެ މެމްބަރުންގެ މެދުގައި އޮންނަންވާ އެކުވެރި ކަމާއި އެހީތެރިކަމެވެ. ގުޅުން ބަދަހިކުރުމަކީ ޢާއިލާގެ ކޮށްމެ މެންބަރެއްގެވެސް މަސްޢޫލިއްޔަތެކެވެ. އެހެންކަމުން ޢާއިލީ ދުވަހެއް ފާހަގަކުރަމުންދާއިރު ޢާއިލީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ބަލާލުން މުހިންމެވެ. މިޒަމާނުގައި ކޮންމެ މީހަކީވެސް ގިނަ މަސްޢޫލިއްޔަތުތަކެއް ކޮނޑުގައި އެޅިފައިވާ މީހެއްކަމުން ޢާއިލާއަށް ބޭނުންވާ ޚަރަދުބަރަދު ބެލެހެއްޓުމުގައްޔާއި، އެހެނިހެން ޒިންމާތަކާއި މަސްއޫލިއްޔަތުތައް އުފުލުމުގައި ޢާއިލާއާއި ދުރުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން އޮންނަނީ ޖެހިފައެވެ. އެހެންކަމުން ޢާއިލާގެ އެއް މެމްބަރަކު އަނެއް މެމްބަރަކާއިއެކު ވަގުތު ހޭދަކުރުމަށް ލިބޭ ފުރުޞަތު ވަރަށް ކުޑައެވެ. img:http://s4.psmnews.mv/images/660x400/14710202717850.jpg|މާލޭ ސޯޝަލް ސެންޓަރުގެ ގޯތިތެރޭގައި ހަދާފައިވާ ޕާކް- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ މާޙައުލަށް ބަލާލުމުންވެސް ފެންމަނުންދަނީ މި މަންޒަރެވެ. ޢާއިލާއަށް އެކަށިގެންވާ ވަގުތު ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން ޢާއިލީ ގުޅުން ހީނަރުވުމަށް ފުރުޞަތު ބޮޑުކަން ދިރާސާތަކުން ދައްކައެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ރޭވުންތެރިކަމެއްނެތި ދަރިން ހޯދާ ޢާއިލާތަކުގައި މައްސަލަޖެހުމުގެ ފުރުޞަތު ބޮޑެވެ. އަދި ޢާއިލީ މައްސަލަ އުފެދުމަށް ފުރުޞަތު ފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ލިބޭ ޢާމްދަނީއާއި އެކަށީގެންނުވާ ވަރަށް ޚަރަދުކުރަން ޖެހުމެވެ. މިކަމުގެ ސަބަބުން ޢާއިލާއާއި އެކު ހޭދަކުރުމަށް ލިބޭ ވަގުތަކީ އިތުރު ޢާމްދަނީ ހޯދުމަށް މަސައްކަތް ކުރަންޖެހޭ ވަގުތަކަށް ވެގެންދެއެވެ. 

ޢާއިލާއަށް އެކަށީގެންވާ ވަގުތު ނުދެވުމުގެ ސަބަބުން މައިންބަފައިންނާއި ދަރީންނާއި މެދުގައި އޮންނަންޖެހޭ ގުޅުން ހީނަރުވެ، ދެމަފިރިން ދުރުވާ ހިސާބަށްވެސް ދެއެވެ. ރާއްޖޭގެ މާޙައުލަށްބަލާއިރު ނިސްބަތުން ވަރި ގިނަކަން ފާހަގަކުރެވެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޢާއްމުކޮށްފައިވާ 2016 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ ތެރޭގައި 5488 ކައިވެނި ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި 2016 ވަނަ އަހަރު ޢާއިލާއާއި ގުޅުންހުރި 3،417 މައްސަލަ ކޯޓްތަކުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، 2016 ވަނަ އަހަރު ކުރެވުނު ކައިވެނީގެ ޢަދަދުން 62 އިންސައްތަ ވަރިކޮށްފައިވެއެވެ.

އަދި ރާއްޖޭގައި ކުރެވޭ ކައިވެނީގެ ތެރެއިން ކާމިޔާބު ކައިވެނީގެ ނިސްބަތަކީ 38 އިންސައްތައެވެ. އެހެންކަމުން ވަރީގެ ނިސްބަތް މަދުކޮށް ޢާއިލީ ގުޅުން ބަދަހިކުރުމަށް ދެމަފިރިން އެކުގައި ހޭދަކުރާ ވަގުތު އިތުރުކުރުން މުހިންމެވެ. މިއާއެކު އުފާވެރި ޢާއިލާއެއް ބިނާކުރުމަށް ތިމާގެ ދަރިންނާއި މައިންބަފައިނާއެކު އަގުހުރި ވަގުތުތަކެއް ހޭދަކުރުމަކީވެސް މުހިންމު ކަމެކެވެ.

ދިރިއުޅުމަށް މަސައްކަތް ކުރިކަމުގައިވިޔަސް ޢާއިލީ ގުޅުން ބަދަހި ކުރުމަކީ އަމިއްލަ ޒިންމާއެއް ކަމުގައި ހަދަން ޖެހެއެވެ.