ޚަބަރު

"ޢީދުގެ އެއްބައިވަންތަކަމަކީ ސުލްހަވެރިކަމަށް ލިބިދޭ ވަރުގަދަ ބާރެއް"


  • ރައީސް ވިދާޅުވީ މާތްﷲ އަޟްޙާ ޢީދު ލައްވާފައިވަނީ ވަރަށް މުހިއްމު ޙިކުމަތަކަށްޓަކައިކަމަށް

  • މިޢީދުން މުޖުތަމަޢުގެ ފަޤީރުންނާއި ފުދިގެން އުޅޭ މީހުންގެ ފަރަޤުކުޑަކޮށް އޯގާތެރިކަން ދަސްކޮށްދޭކަމަށް ވިދާޅުވި

  • ޢީދުގައި އާލާވާ އެއްބައިވަންތަކަމަކީ ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދަމަހައްޓައިދޭނެ ބާރެއް

ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޙިތާބުގައެވެ.

އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޙިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށާއި އެންމެހާ މުސްލިމު އަޚުންނާ އުޚުތުންނަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ބަރަކާތްތެރި ޢީދު ދުވަސް މިންވަރު ކުރެއްވިކަމަށްޓަކައި މާތްﷲއަށް ޙަމްދާއި ޝުކުރު ދަންނަވާފައެވެ. އަދި ޢީދުގެ ކުޅިވަރުތައް ކުޅެ އުފާފާޅުކުރުމުގައިވެސް އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހީންގެ ރީތި އާދަކާދަތަކާއި ބީރައްޓެހި ކަންކަމުން ދުރުވެތިބެ ޢީދު ފާހަގަކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާދަމާގެ ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދީ މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ތިމާގެވެސް އުފާކަމުގައި ދުށުމަށް މިޢީދުން ދަސްކޮށްދޭކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭކަމަށެވެ.

ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއްކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޢީދުގެ ޙަޤީޤީ ޖައުހަރަކީ، ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސު ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުންކަމަށެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ އަޟްޙާ ޢީދަކީ މާތްﷲ ވަރަށް މުހިއްމު ޙިކުމަތަކަށްޓަކައި ލައްވާފައިވާ ދުވަހެއްކަމަށާއި އެއީ މުޅި އިސްލާމީ އުއްމަތް އެއް ސަފަކަށް ތަރުތީބުކޮށްދޭ އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއްކަމަށެވެ. ރައީސް ވިދާޅުވީ، މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށްވެސް ފެތުރިގެންދާ އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒުމަކަށެވެ.

އުޟްޙިޔާ ކަތިލުމާއި، ހަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަޤީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށްދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިއީ، މަޢާފުކުރުމުގެ މޫސުންކަމަށާއި އެކަމުން، ހިތްތަކަށް ދިރުން ގެނެސްދޭ ދުވަސްތަކެއްކަންވެސް އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.