ކުޅިވަރު

އާޖެންޓީނާ ކޮންމެ މީހަކު އަތުގައި ވަކި ލިސްޓެއް، މެސީ ކުޅޭނެތަ؟


މިއަދު ހެނދުނު ވަޓްސް އަޕުން ލިބުނީ ކުއްލި މެސެޖެކެވެ. އޮތީ ވޯލްޑް ކަޕް ކުޅޭ އާޖެންޓީނާ ޓީމު 26 އަށް ތިރިކޮށް ކުޅުންތެރިންގެ ނަންތައް ޖަހާފައިވާ ލިސްޓެކެވެ. ކެޕްޓަން ލަޔޮނަލް މެސީ އެ ލިސްޓަކު ނެތެވެ. މެސެޖް ފޮނުވި މީހާގެ ސުވާލަކަށްވީ ވެސް އެއީ އެވެ؟ އޭނާގެ ކުއްލި ސިހުމަކަށްވީ ސަބަބެއް ވެސް ނެތި ނުވަތަ ކުރިން އެއްވެސް އިޝާރާތެއް ނެތި މެސީ ޓީމުން ބާކީ ކުރީ ކީއްވެ ހެއްޔެވެ؟ މިފަހަރު އޭނާ ނުކުޅެނީ ހެއްޔެވެ؟

ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ފަހުގެ ވޯލްޑް ކަޕް އާޖެންޓީނާ ޓީމަށް ކާމިޔާބު ކޮށްދިން އާރުކާޓީ ނެތި ޓީމު ނަގައިފިނަމަ ޔަގީނުން ވެސް އެކަންވާނީ ދުނިޔެ އަށް ބޮޑު ސިހުމަކަށެވެ. ވޯލްޑް ކަޕަށް ބާކީ އޮތީ 16 ދުވަހެވެ. މެސީ މިވަގުތުވީ އިއްޔެ ލިބުނު ހާނިއްކައަކަށް ފަރުވާ ވެސް ހޯދުމުގަ އެވެ. އަޅުގަނޑަށް މެސެޖް ފޮނުވި މީހާގެ ކަންބޮޑުވުން އިންތިހާ އަށް ދިޔަ އެއް ސަބަބަކީ ވެސް މިއީ ކަމަށްވުން ލަފާ ކުރެވެ އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ލިސްޓު ފީފާ އަށް ފޮނުވަން ބާކީ އޮތީ އެންމެ ހަ ދުވަހެވެ. ޖޫން އެއް ވަނަ ދުވަހު މުބާރާތުގައި ކުޅޭ 48 ގައުމުން 26 ކުޅުންތެރިންގެ ލިސްޓެއް ފީފާ އަށް ދޭން ޖެހޭނެ އެވެ. އެ ލިސްޓަށް ބަދަލު ގެނެވެނީ ސީރިއަސް ކަމެއް ދިމާވެގެން އެކަންޏެވެ. ބްރެޒިލާއި ފްރާންސާއި ޕޯޗުގަލް އާއި ސްޕޭނާއި ޖަރުމަނު ފަދަ ތައްޓަށް ވާދަކުރާނެ ގައުމުތަކުން އެތިބީ ޓީމު ފައިނަލް ކޮށް އެމެރިކާ އަށް ފުރަން ތައްޔާރުވެގެންނެވެ. އެކަމަކު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަދި މިކަމެއް ނުވެ އެވެ. މައްސަލައަކީ އުމުރުން 38 އަހަރިގެ މެސީ ހެއްޔެވެ؟

ޓީމުގެ އެސިސްޓެންޓް ކޯޗު ރޮބާޓޯ އަޔާލާ ބުނީ ކޯޗު ލަޔޮނަލް ސްކަލޯނީގެ އަތުގައި މިހާރު ހަ ލިސްޓު އޮންނާނެ ކަމަށެވެ. އެއީ ޓީމުގެ ތަފާތު ހަ އޮފިޝަލަކު ތައްޔާރު ކޮށްފައިވާ ލިސްޓުތަކެކެވެ. ކޯޗު ޓީމު ފައިނަލް ކުރާނީ މި ލިސްޓުތަކަށް ބަލައި ދިރާސާ ކުރުމަށް ފަހު އެވެ.

"ސްކަލޯނީ ޓީމު ނެގުމުގެ ކުރިން އަބަދުވެސް އޭނާގެ ކޯޗިން ޓީމުގެ ތަފާ ހޯދާނެ. ކޮންމެ މީހަކު ވެސް ޖެހޭނެ ވަކި ލިސްޓެއް ތައްޔާރު ކުރަން. އެއަށްފަހު އަހަރުމެން ކޮންމެ މީހަކު ވަކިން ލިސްޓު ފޮނުވާނީ އޭނާ އަށް. ސްކަލޯނީ ޓީމު ފައިނަލް ކުރާނީ މި ލިސްޓު ތަކަށް ބަލައިގެން،" އެންމެ ފަހުގެ ވޯލްޑް ކަޕުގައި ވެސް ސްކަލޯނީއާއެކު މަސައްކަތް ކުރި އަޔާލާ ބުންޏެވެ.

އޭނާ ބުނީ އާޖެންޓީނާގެ 26 ކުޅުންތެރިން ލިސްޓުގެ 80 ޕަސެންޓް ކުޅުންތެރިން ފައިނަލް ކުރެވިފައިވާ ކަމަށެވެ. ސުވާލު އުފެދިގެން އުޅެނީ ބާކީ 20 ޕަސެންޓަށް ނަގާނެ ނަންތަކާ މެދުގަ އެވެ.

އެކަމަކު އެއްކަމެއް ޔަގީނެވެ. ތަފާތު ލިސްޓުތައް އިންޓަނެޓްގައި ޝާއިއު ވަމުންދިޔަ ނަމަވެސް އަޔާލާގެ ވާހަކަތަކުން ޔަގީންވާ ކަމަކީ މެސީ ނެތި އާޖެންޓީނާ ޓީމު ފައިނަލް ނުކުރާނެ ކަމެވެ. އެފަދަ ނިންމުމެއް ނިންމާނީ ޖޫން 11 އިން ޖުލައި 19އާ ދެމެދު މެސީ އަށް ދަނޑަށް އެރޭވަރުނުވާ ފަދަ ބޮޑު ކަމެއް މެދުވެރިވެގެން އެކަންޏެވެ. އެފަދަ ހާސްކަމެއް މިވަގުތު އަދި ނެތެވެ. ޓީމުގައި މެސީ ހިމެނޭނެ އެވެ. އެކަމަކު އާޖެންޓީނާގެ 26 ފައިނަލް ކުރުމަކީ ސްކަލޯނީ އަށް ބޮޑު ބޮލުރިހުމެކެވެ.