ތަރައްްޤީ

ސަލްޓަންޕާކުގެ "ވިންޓަރ ތީމް ސެގްމެންޓް" މިއަހަރު ނިމޭނެ


ތަފާތު ކޮންސެޕްޓަކަށް ތަރައްޤީކުރަމުން އަންނަ ސަލްޓަން ޕާކުގެ "ވިންޓަރ ތީމް ސެގްމެންޓް" މިއަހަރު ފަހުކޮޅު ނިމޭނެކަމަށް އެތަން ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ، ސަލްޓަން ޕާކް ހުޅުވޭއިރު އެތަން އޮންނާނީ ވަރަށް ފުރިހަމަ ތަނެއްގެ ގޮތުގައި ކަމަށެވެ.

ސަލްޓަން ޕާރކް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުއެވެ. ރާއްޖޭގެ ތާރީޚާވެސް ގުޅުން އޮތް ސަލްޓަން ޕާކް މުޅިން ތަފާތު ޑިޒައިނަކަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމެވީ، އެތަނުގެ ތާރީޚު ނުގެއްލޭގޮތަށް، އެތަނުގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާ ހިސާބަށް ގެނެސްދިނުމުގެ މަގްސަދުގައެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ، ސަލްޓަން ޕާކް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަރައްޤީކޮށް ރައްޔިތުންނާ ހިސާބަށް ގެނެސްދިނުމަށް ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވިންޓަރ ތީމް ފިޔަވައި ދެން ހުރި ސެގްމެންޓްތައް ނިންމުމަށް އަމާޒުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

ސަލްޓަން ޕާރކް ތަރައްޤީކުރައްވަނީ، މުނިފޫހިފިލުވުމާއި، އެޑިއުކޭޝަނަލް ފީޗާރސްތައްވެސް ހިމެނޭ ގޮތަށެވެ. ތިން ފޭސްއަކަށް ބަހާލައިގެން މި މަސައްކަތް ކުރިއަށްދާއިރު، ފުރަތަމަ ފޭސް އަދި ދެވަނަ ފޭސްގައި ހިމެނޭ މުހިއްމު ބައިތަކުގެ ތެރޭގައި ހެރިޓޭޖް ޕްލާޒާއެއްގެ ގޮތަށް ތައްޔާރުކުރާ އުސްގެކޮޅާއި، ދެބުރިއަށް ފަރުމާކޮށްގެން ހަދާ ފައުންޓެއިންއާއި، ކުޑަކުދިންނަށް ޚާއްސަ ކުޅޭ ސަރަޙައްދަކާއި، ގްރީން ވޯކް ޓަނަލްއަކާއި، ސްޓޭޖް ޑްރާމާ ތަކަށް ޚާއްސަ ތިއޭޓަރ އަކާއި، ޕްލޭ އޭރިއާއެއްވެސް ހިމެނެއެވެ. ސަލްޓަން ޕާކްގެ ތިންވަނަ ފިޔަވަހީގައި ހިމެނެނީ ވިންޓަރ ތީމް އޭރިއާއެވެ.