ތަރައްްޤީ

ގަދަ 3 ބައިވެރިންނަށް 6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އިނާމު!


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގަދަ ތިން ބައިވެރިންވެސް، އަދި ޝޯގެ ބެލި މީހުންވެސް އެންމެ އިންތިޒާރުކުރި ވަގުތުކޮޅަކީ މިފަހަރުގެ ސީޒަންގެ ޓައިޓަލް ކާމިޔާބު ކުރާނެ ބައިވެރިއަކު އިޢުލާން ކުރާނެ ވަގުތުކޮޅުއެވެ. 

ދިގު އިންތިޒާރަކަށްފަހު، އައިޑަލްގެ ފަހުރުވެރި އެއްވަނަ އިޢުލާންކުރުމާއެކު، ދެން ފެނިގެންދިޔައީ ގަދަ 3 ބައިވެރިންނާއި، އަދި މި ޝޯވގެ ބެލުންތެރިންވެސް އުއްމީދު ނުކުރާހާ ގިނަ އަދަދެއްގެ އިނާމް ޝޯވގެ ސްޕޮންސަރުންގެ ފަރާތުން ބައިވެރިންނަށް ލިބިގެންދިޔަ މަންޒަރެވެ. ފުލުފުލުގައި ފަހަރަކު ސްޕޮންސަރެއް، ގަދަ 3 އަކަށް ހުށައަޅާފައިވާ އިނާމްތައް އިޢުލާންކޮށް ޙަވާލުކުރަމުން ދިޔައިރު، ޕީ.އެސް.އެމުން ހުށައަޅާފައިވާ ފައިސާގެ އިނާމާއި، ސްޕޮންސަރުން ހުށައަޅާފައިވާ އިނާމްތައް އެއްކޮށްލުމުން ޖުމްލަ 6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމްތައް ރޭގެ ޝޯވގައި ގަދަ 3 ބައިވެރިންނާ ވަނީ ޙަވާލުކޮށްފައެވެ.

ސްޕޮންސަރުންގެ ފަރާތުން ގަދަ ތިނަކަށް ހުށައެޅި އިނާމްތަކަށް ބަލާއިރު، ދިރާގުގެ ފަރާތުން ފައިސާގެ އިނާމާއެކު، އެކުންފުނީގެ އެމްބެސެޑަރކަމާއި، ދިރާގު ޕޯސްޓްޕެއިޑްގެ ޚިދުމަތާއި، ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓްގެ ޚިދުމަތާއި، އެއްއަހަރު ދުވަހުގެ ދިރާގު ޓީވީގެ ޚިދުމަތާއި، އެންމެފަހުގެ އައިފޯން ސެވަން އެއްގެ އިތުރުން ފަންސާސް އިންޗީގެ އެޗް.ޑީ ޓީވީއެއް ގަދަ 3 ބައިވެރިންނަށް ވަނީ ހަދިޔާކޮށްފައެވެ.

އެލައިޑް އިންޝުއަރެންސްގެ ފަރާތުން 1.3 މިލިއަން ރުފިޔާގެ ހެލްތް އިންޝުއަރެންސް ޕްލޭން ކަވަރކޮށްދޭ ގޯލްޑް ކާޑެއް ގަދަ 3 އަށް ހަދިޔާކޮށްފައިވެއެވެ. މި ހެލްތު ޕްލޭންގެ ދަށުން ދިވެހިރާއްޖެ، ސްރިލަންކާ، ތައިލެންޑް، މެލޭޝިއާ ސިންގަރޕޫރު، އަދި ޔޫ.އޭ.އީއިން ޞިއްޙީ އިންޝުއަރެންސް ލިބިގެންދާނެއެވެ.

އެއްވަނަ ހޯދި ފަންނާނަށް ލޮޓަސް ފިހާރައިގެ ފަރާތުން މޮޓޯ ސައިކަލަކާއި، 6 މަހުގެ އެންޓިބެކްސް ސަޕްލައި، ދެވަނައަށް ހޮވުނު ފަންނާނަށް ޒީރޯ ބެޓެރީ ސައިކަލަކާއި، 6 މަހުގެ އެންޓިބެކްސް ސަޕްލައި، އަދި ތިން ވަނައަށް ދިޔަ ފަންނާނަށް ސެޓް-ވޭއަކާއި، 6 މަހުގެ އެންޓިބެކްސް ސަޕްލައި ވަނީ ހަދިޔާކޮށްފައެވެ.

އެސް.ޓީ.އޯގެ ފަރާތުން މިފަހަރުގެ ސީޒަންގެ ގަދަ ތިނަކަށް ހިޓާޗީ ޑީ.ސީ އިންވޭޓަރ އޭސީއަކާއި އެސް.ޓީ.އޯ ސުޕަރމާޓުން އެއްއަހަރު ދުވަހު ވިޔަފާރިކުރުމުގެ ވައުޗަރއެއް ހަދިޔާކޮށްފައިވެއެވެ.

އެއްވަނަ ހާސިލުކުރި ތަސްނީމަށް ސްޕޮންސަރުންގެ ލިސްޓުގައި ހިމެނޭ ބީ.އެމް.އެޗް ޓްރޭޑަރޒްގެ ފަރާތުން ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމް، ދެވަނަ ހޯދި ޙަމޫދަށް ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމް އަދި ތިން ވަނައަށްދިޔަ ޝަމްވީލަށް ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފައެވެ.

ސިމްޑީ ގްރޫޕްގެ ފަރާތުން އައިޑަލް ސީޒަން ދޭއްގެ ގަދަ 16 ބައިވެރިންނަށް ރޭގެ ޝޯވގައި އިނާމެއްގެގޮތުން ދީފައިވަނީ ކެނޯން ޑިޖިޓަލް ކެމެރާއެކެވެ. 

އެމް.އޭ.ސީ.އެލްގެ ފަރާތުން ގަދަ ތިން ބައިވެރިންނަށް ހުށައަޅާފައިވާ އިނާމަކީ އެއަރޕޯޓްގެ ލީލި ލައުންޖުން އެއްއަހަރު ދުވަހުގެ ޙިދުމަތް ހިލޭ ދިނުމުގެ އިތުރުން، "ދޮވެމި ޝޮޕް"ގެ ގިފްޓް އައިޓަމްސްއެވެ. 

އެއްވަނަ އަށް ދިޔަ ބައިވެރިޔާއަށް ސީ ހައުސްގެ ފަރާތުން އެއްއަހަރު ދުވަހުގެ މީލް ޕްލޭން، ދެވަނައަށް ދިޔަ ފަރާތަށް 6 މަސް ދުވަހުގެ މީލް ޕްލޭން އަދި ތިން ވަނައަށް ދިޔަ ފަރާތަށް 3 މަސް ދުވަހުގެ މީލް ޕްލޭނެއް ވަނީ ހަދިޔާކޮށްފައެވެ. ހަމައެހެންމެ މި 3 ބައިވެރިންގެ އިތުރުން ގަދަ 7 ގައި ވާދަކުރި އިތުރު ބައިވެރިންނަށް އެއްމަސް ދުވަހުގެ މީލް ޕްލޭނެއްވެސް ހަދިޔާކޮށްފައިވެއެވެ. 

މީގެ އިތުރުން މިފަހަރުގެ ޓައިޓަލް ކާމިޔާބުކުރި ތަސްނީމަށް ވިލާ ކޮލެޖްގެ ފަރާތުން 1.2 މިލިއަން ރުފިޔާގެ އަގުހުރި ސްކޮލަރޝިޕްގެ ފުރުޞަތެއް ވަނީ ހަދިޔާކޮށްފައެވެ. 

މިއީ ރާއްޖޭގެ ތާރީޚްގައިވެސް ސްޕޮންސަރުންގެ ފަރާތުން މިފަދަ ޝޯވއަކަށް މިހާ ގިނަ އަދަދެއްގެ އިނާމް ހުށައެޅި އެއް ޝޯވއެވެ. ސްޕޮންސަރުންގެ ފަރާތުން 5.8 މިލިއަން ރުފިޔާގެ އަގުހުރި އިނާމް ހުށައަޅާފައިވާއިރު، މިފަހަރުގެ ސީޒަން ކާމިޔާބުކަމާއެކު ނިންމާލުމަށް އައިޑަލް ޓީމްގެ އިތުރުން ޝޯވގެ ސްޕޮންސަރުންގެ ފަރާތުން ލިބުނު އާދަޔާ ޚިލާފު އެއްބާރުލުމާއި، އެހީތެރިކަން ޕީ.އެސް.އެމުން ބަލައިގަންނަނީ ނުހަނު އުފަލާއެކުއެވެ.