ޚަބަރު

ފަލާޙް ޤުރްއާން މުބާރާތް ފަށައިފި


ޖަމްޢިއްޔަތުލް ފަލާޙްގެ ބާނީ އަލްމަރުޙޫމު ޢަބޫބަކުރު އިބްރާހިމްގެ ގެ ހަނދާނުގައި އެ ޖަމްޢިއްޔާއިން ބާއްވާ ކީރިތި ޤުރްޢާން ކިޔެވުމުގެ 17 ވަނަ ޤުރްޢާން މުބާރާތް މިއަދު ފަށައިފިއެވެ. 

ފަލާޙް ޕްރީ ސްކޫލްގައި ކުރިއަށްދާ މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރުޢާނަށް ލޯބި ޖެއްސުމާއި، ކީރިތި ޤުރްއާން ހިދުދަސްކުރުމަށް ހިތްވަރުދިނުމާއި، ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކިޔަވަން ދަންނަ ގިނަ ދަރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

މާލޭގެ ހުރިހާ ޕްރީ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި 20 ސްކޫލަކުން ޖުމްލަ 100 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި ސްކޫލްތައް އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށް ޖަމްޢިއްޔަތުލް ފަލާޙްއިން މައުލޫމާތުދެއެވެ.