ޚަބަރު

މަޖިލީހުގެ ދައުރު މިމަހުގެ 20އަށް އިތުރުކޮށްފި


  • މިދައުރުގެ މުއްދަތު ހަމަވާނެ ކަމަށް ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހަށް

  • މުއްދަތު އިތުރުކުރީ ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން

ރައްޔިތުންގެ މަޖިލީހުގެ ހިންގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 20ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ. އެގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

އެހެންކަމުން ގަވާއިދުގައިވާގޮތުން މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޮނިހިރު ދުވަހަށް ނިންމަންޖެހެއެވެ.

ދައުރު ހަމަވި ނަމަވެސް މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރުކުރެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.