ޚަބަރު

ޝިފާޤް މުފީދު، އެޗްއާރުސީއެމުން އިސްތިއުފާދެއްވައިފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ޝިފާޤް މުފީދު އެކޮމިޝަންގެ މެންބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ކޮމިޝަންގެ މެންބަރުކަމުން ޝިފާޤް މުފީދު އިސްތިއުފާދެއްވި ނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. އެޗްއާރްސީއެމްގެ މެމްބަރުކަމުން ޝިފާޤް މުފީދު އިސްތިއުފާދެއްވިއިރު ފަހަކަށް އައިސް އޭނާ ވަނީ އެ ކޮމިޝަންގެ ބައެއް ނިންމުންތަކާ މެދު މީޑިއާތަކުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެޗްއާރްސީއެމްގެ ނައިބު ރައީސްކަމަށް ޝިފާޤް މުފީދު ޢައްޔަންކުރެއްވީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެކޮމިޝަންގެ މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވަވާތާ ދެ މަސް ދުވަހުގެ ތެރޭގައި ހުސްވި މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވަންޖެހެއެވެ.