ތަރައްްޤީ

ހުޅުމާލޭގައި އާބާދުވާން ފެށިތާ 13 އަހަރުފުރުން ފާހަގަކުރަނީ


ހުޅުމާލޭގައި މީހުން އާބާދުވާން ފެށިތާ 13 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މާދަމާ ކުޑަކުދިންގެ ޚާއްޞަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއިން ބުނެފިއެވެ. 

"ހުޅުމާލެ ޑޭ"، މިނަމުގައި ބާއްވާ މި ކުޑަކުދިންގެ ހަވީރު އޮންނާނީ، މާދަމާ ހަވީރު ހަތަރަކުން ހަޔަކަށް ހުޅުމާލެ ނެއިބަރހުޑް އެކެއްގައި ހަދާފައިވާ ކޮމިއުނިޓީ ސެންޓަރާއި ޖެހިގެން ތަރައްޤީކޮށްފައިވާ "ސަންސެޓް ޕާކް"ގައެވެ. މި ހަވީރުގައި މުނިފޫހިފިލުވުމުގެ ޚާއްޞަ ހަރަކާތްތަކާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން އެކި ކަހަލަ ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެޗް.ޑީ.ސީން މަޢުލޫމާތުދެއެވެ.

ހުޅުމާލޭގައި މީހުން އާބާދުވާން ފަށާފައިވަނީ، މީގެ 13 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ތެރޭގައެވެ. ހުޅުމާލޭގައި މިހާރު ފަންސާސް ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެއް ސަރަޙައްދެއްގައި ޢުމްރާނީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ކުރިއަށްދާ ސަރަޙައްދަކީވެސް ހުޅުމާލެކަން ފާހަގަކޮށްލެވެއެވެ.