ޚަބަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދޫކޮށްލައިފި


7 ޝަރުތަކާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ. 

ޤާސިމް އިބްރާހިމް ފުލުހުންގެ ބަންދުން ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ. ޤާސިމްގެ ޤާނޫނީ ވަކީލު ހިސާން ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާސިމް އިބްރާހިމް ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބަންދުން ޤާސިމް ދޫކޮށްލިއިރު ހަތް ޝަރުތެއް ޤާސިމްގެ މައްޗަށް ކޯޓުން ކުރައްވާފައިވާ ކަމަށްވެސް ހިސާންގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ޝަރުތުތަކުގެ ތަފްޞީލެއް ހިސާން ފާހަގަކުރައްވާފައެއްނުވެއެވެ. 

ގާސިމް އިބްރާހީމްގެ މައްޗަށް ދަޢުލަތުން ތިން ދަޢުވާއެއް ވަނީ އުފުއްލަވާފައެވެ. އެއީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތަކުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.