ރިޕޯޓް

ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަކީ ފަރުދީ ޒިންމާއެއް


ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ވާހަކަދައްކާއިރު، އެކުދިންނަށް ކުރާ އަނިޔާގެ ވާހަކައާއި، އެކުދިންނާމެދު ވެވޭ އިހުމާލުގެ ވާހަކައަކީވެސް ދައްކަންޖެހޭ ވާހަކައެއް. ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީވެސް މިއީއެވެ.

ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލަށް އެންމެ މުހިންމު އެއް ރައުސުލްމާލެވެ. ޤައުމެއްގެ ކުރިމަގު ބިނާވެގެންދާނީވެސް ކުޑަކުދިން ތަރުބިއްޔަތު ކުރެވޭ ގޮތެއްގެ މައްޗަށެވެ. ޤައުމާމެދު އެކުދިންގެ ވިސްނުން ބިނާކުރެވޭ ގޮތެއްގެ މައްޗަށެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އެކުދިންނަށް ޙައްޤު އިޙްތިރާމްކޮށް، މުޖުތަމަޢުގައި އެކުދިންނަކީވެސް މުހިންމު ބައެއްކަން އަންގައިދިނުމެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުވުމަށް މުޖުތަމަޢު ހޭލުންތެރިކޮށް، ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ޤައުމީ ފެންވަރުގައި ޙައްލުކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙް އާލާކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ އެއް ބޭނުމެވެ.

ކުޑަކުދިންގެ ދުވަހެއް ފާހަގަކުރަމުންދާއިރު ކުޑަކުދިންނަށް ރައްކާތެރި ވެއްޓެއް ޤާއިމްކޮށްދިނުމުގެ ޒިއްމާއަކީ ފަރުދީގޮތުން ކޮންމެ މީހެއްގެ ކޮނޑުގައިވެސް އެޅިފައިވާ މަސްޢޫލިއްޔަތެކެވެ. ޤައުމުގެ މުސްތަޤުބަލް ބިނާވެފައިވަނީ ކުޑަކުދިން ތަރުބިއްޔަތު ކުރެވޭ ގޮތެއްގެ މައްޗަށް ކަމަށްވާއިރު، ހަރުދަނާ ޖީލެއް ބިނާކުރުމަށް އެކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ހަރުދަނާ ތަރުބިއްޔަތެއް ދެވެންޖެހެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ވާހަކަ ދައްކާއިރު، އެކުދިންގެ ޙައްޤުތަކަށް އިހުމާލުވާ ވާހަކައަކީވެސް ދައްކަން ޖެހޭ ވާހަކައެކެވެ. ނިސްބަތުން ރާއްޖޭގައިވެސް ތަފާތު އަނިޔާ ތަޙައްމަލް ކުރަމުންދާ ކުޑަކުދިން މަދެއް ނޫނެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ކުޑަކުދިންނަށް ކުރާ އަނިޔާއާގުޅޭ ތަފާތު 142 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ. މިއީ މި އަހަރު އެ މިނިސްޓަރީއަށް ހުށައަޅާފައިވާ މައްސަލަތަކުގެ 50 އިންސައްތައެވެ. މީގެ ތެރޭގައި ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާ ހިމެނެއެވެ.

ކުޑަކުދިންގެ ދުވަހެއް ފާހަގަކުރަމުންދާއިރު ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް ހެދިފައިވާ ޤާނޫނުތަކަށް އެއްމެންވެސް އަހުލުވެރިވުން މުޙިއްމެވެ. އަދި ހަމަމިޔާއެކު ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން ޢަދާކުރަންޖެހޭ ޒިންމާ އާއި މާސްޢޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ޢަދާކުރުން މުޙިއްމެވެ. ފަރުދުންގެ ފެންވަރުގައާއި މުޖުތަމަޢުގެ ފެންވަރުގައިވެސް މި ޒިންމާ އުފުލަންޖެހެއެވެ. ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހުރި ހުރަސްތަކާއި، އެކުދިންގެ ޙައްޤުތައް ހޯދުމުގައި ހުރި ގޮންޖެހުންތަކާއި މެދު ވިސްނާ ފިޔަވަޅު އެޅެންޖެހެއެވެ. އާއިލާގެ ތެރެއިން ވިޔަސް އަދި މުޖުތަމަޢުގެ ކޮންމެ ދިމާލަކުން ނަމަވެސް އެއްވެސް މީހަކު އަނިޔާއެއް ތަހައްމަލް ކުރަމުންދާނަމަ އެކަން ހުއްޓުވުމަކީ ފަރުދީ ޒިންމާއަކަށް ހަދަންޖެހެއެވެ. ޚާއްޞަކޮށް މުޅި މުޖުތަމަޢުގެ ލޯތްބާއި އަޅާލުން އެންމެ ބޮޑަށް ބޭނުންވާ ބަޔަކީ ކުޑަކުދިން ކަމަށްވާއިރު، އާއިލާއާއި އަމިއްލަ މަސްލަހަތައްޓަކާ އެކުދިން ތަހަންމަލް ކުރަމުންދާ އަނިޔާއާއި އިހްމާލުގެ ވާހަކަތައް ސިއްރުކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ.

މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަން ހައްލު ކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ. މިފަދަ މައްސަލަތަކާ ތިމާ އަމިއްލައަށް ކުރިމަތި ނުލެވޭނަމަ ކަމާބެހޭ ފަރާތްތަކުގެ އެހީ ހޯދުމަކީވެސް ކުރެވިދާނެ ކަމެކެވެ. ރާއްޖޭގައިވެސް މިފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް އެކި އިދާރާތަކާއި ޖަމްޢިއްޔާތައްވެސް އެބަހުއްޓެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ޚާއްސަ ހޮޓްލައިނެއްވެސް ވަނީ ޤާއިމް ކުރެވިފައެވެ. އެގޮތުން މިފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް 1412 އަށް ކޮންމެ ވަގުތަކުވެސް ހިލޭ ގުޅޭނެއެވެ. އެހެންކަމުން މި ފަދަ މައްސަލަތައް މުޖުތަމަޢުން ނައްތާލުމަށް ފަރުދީ ޒިންމާ އިސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޤައުމުގެ މުސްތަޤްބަލަށްޓަކާވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.