ޚަބަރު

ސައުތު އޭޝިޔާ ސެޓެލައިޓް މާދަމާ އިފްތިތާޙުކުރާނެ


އިންޑިޔާއިން އިސް ނަގައިގެން ދެކުނު އޭޝިޔާގެ ޤައުމުތަކަށް ހަދިޔާކުރުމަށް ނިންމާފައިވާ ސައުތު އޭޝިޔާ ސެޓެލައިޓް، އެސް.އޭ.އެސް، މާދަމާ އިފްތިތާޙުކުރާނެކަމަށް އިންޑިޔާއިން ހާމަކޮށްފިއެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ، ސާކް ސެޓެލައިޓެއް ތަރައްޤީ ކުރުމަށް އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަނަށް އިރުޝާދު ދެއްވާފައިވަނީ، 2014 ވަނަ އަހަރުގެ ސާކް ސަމިޓަށް ފަހުއެވެ. އެއަހަރުގެ ސާކް ސަމިޓްގައި ބޮޑުވަޒީރު މޯދީ ވަނީ، އިންޑިޔާގެ އަވަށްޓެރި ޤައުމުތަކަށް ސެޓެލައިޓެއް ހަދިޔާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މާދަމާ މި ސެޓެލައިޓް އިފްތިތާޙުކުރުމަށްޓަކައި އެ މިޝަންގައި ބައިވެރިވާ ޤައުމުތަކުގެ ވެރިން، ވީޑިއޯ ކޮންފަރަންސްކޮށް ބައްދަލުކުރެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލުކުރެއްވުން ތާވަލުކޮށްފައިވަނީ ރާއްޖޭ ގަޑިން ހަވީރު ފަހެއް ޖަހާއިރަށެވެ. 

މުވާސަލާތީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ އެސް.އޭ.އެސް މިޝަންގައި، ޕާކިސްތާނު ފިޔަވައި، ސާކުގެ ހުރިހާ ޤައުމުތަކުން ބައިވެރިވެއެވެ. މިޝަންގައި ބައިވެރިވާ ކޮންމެ ޤައުމަކަށްވެސް ސެޓެލައިޓްގެ އެއް ޓްރާންސްޕޮންޑަރ ޚާއްޞަކުރުމުގެ އިތުރުން، ހުރިހާ ޤައުމުތަކެއް ބައިވެރިވާ ސައުތު އޭޝިޔަން ޕްރޮގްރާމިން ވެސް، މި ސެޓެލައިޓު މެދުވެރިކޮށް، މެމްބަރު ޤައުމުތަކަށް ލިބޭނެކަމަށް މަޢުލޫމާތު ލިބެއެވެ.