ޚަބަރު

އަޑުގެ ޚިދުމަތް ޒަމާނީކުރުމަށް ޚާއްސަ ޕްރޮޖެކްޓެއް ފަށައިފި


ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތް ޒަމާނީ ފެންވަރެއްގައި ތަރައްޤީކުރުމުގެ ގޮތުން ޚާއްޞަ ޕްރޮޖެކްޓެއް ޕަބްލިކް ސަރވިސް މީޑިއާއިން ކުރިޔަށް އެބަގެންދެއެވެ. ދިވެހިރާއްޖޭގައި ދިވޭ މީޑިއަމް ވޭވް ރޭޑިއޯގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމާއި އެ ޚިދުމަތް ދެމެހެއްޓުމަކީ ޕީއެސްއެމްގެ މުހިންމު އަމާޒެކެވެ.

ޕީއެސްއެމް ނިއުސް އިފްތިތާހުކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޗެއާމަން އިބްރާހީމް ޢުމަރު މަނިކު ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް މުޅި ރާއްޖެއަށް ލިބުމަކީ ރައްޔިތުންގެވެސް ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ކަނޑަކީ ރާއްޖޭގެ ބޮޑު ސަރަހައްދެއް އޮންނަ ތަނެއްކަން ފާހަގަކުރައްވަމުން އިބްރާހީމް ޢުމަރު މަނިކު ވިދާޅުވީ މަސްވެރިކަމަށް ނުކުމެ އުޅޭ މީހުންނަށް ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ލިބުމަށް ދަތިތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14938015447713.jpg|ޕީއެސްއެމް ނިއުސްއިން އެންމެ ފުރަތަމަ ގެނެސްދިން ޓޯކްޝޯގައި ޕީއެސްއެމްގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތް ޒަމާނީ ފެންވަރެއްގައި ތަރައްޤީކުރުމުގެ ގޮތުން ޚާއްޞަ ޕްރޮޖެކްޓާ ބެހޭގޮތުން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ރާއްޖޭގެ މީޑިއާ ތަރައްޤީ ކުރެއްވުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑު ޒަމާނީ ފެންވަރެއްގައި ތަރައްޤީ ކުރުމަށް ޖަޕާން ސަރުކާރާއެކު ޤާއިމުކުރެއްވި އެއްބަސްވުން ހިމެނެއެވެ.  

img:http://s4.psmnews.mv/images/660x400/14938014284893.jpg|ޕީއެސްއެމް ނިއުސްއިން އެންމެ ފުރަތަމަ ގެނެސްދިން ޓޯކްޝޯގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ހަލީލް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މީޑިއާ ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިއަދު މިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަބަރާއި މައުލޫމާތު ގެނެސްދޭ ސައްވިސް ގަޑިއިރުގެ ނިއުސް ޗެނަލެއް ލޯންޗްކޮށްފައެވެ. ޕީއެސްއެމް ނިއުސްއިން އެންމެ ފުރަތަމަ ގެނެސްދިން ޓޯކްޝޯގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ހަލީލް ވިދާޅުވީ އަޑުގެ ހިދުމަތް ޒަމާނީކުރުމަށް ކުރިޔަށް ގެންދަވާ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އަޑު ޒަމާނީ ފެންވަރެއްގައި ތަރައްޤީ ކުރުމަށްކުރާ މަސައްކަތް ރަސްމީކޮށް އިފްތިތާޙު ކުރެވިގެންދާނެ ކަމަށެވެ.

ޕަބްލިކް ސަރވިސް މީޑިއާއިން އަންނަނީ ދައުލަތުގެ މީޑިއާ ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.