ޚަބަރު

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތްތަ!؟


ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ތިންވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރާއިރު ބައެއްމީހުން އުފައްދާ ސުވާލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ޙާލަތަކީ ކޮބައިތޯ؟ މި ސުވާލަށް ތަފާތު ގިނަ ގޮތް ގޮތަށް މީހުން ވާހަކަދައްކަމުން ގެންދާއިރު މިނިވަން ކަމާއިއެކު ޚިޔާލު ފާޅުކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްޤެކެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ވެސް ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިދީފައިވާ އަސާސީ ހައްޤެކެވެ.

ކޮންމެ ރައްޔިތަކުވެސް ދައްކަމުންދަނީ މި ދެންނެވި ހައްޤުތަކުގެ ވާހަކަތަކެވެ. ވަކި އަތަކަށް ޚަބަރު ނުފެތުރުމާއި ޒިންމާދާރު ނޫސްވެރިކަން ކުރުމުގެ ވާހަކައަކީ މިއަދު ދިވެހިންގެ ތެރޭގައި ދައްކަމުންދާ ވާހަކަތަކެވެ. ތެދު ހާމަކުރުމާ ބިނާކުރުވަނިވި ނޫސްވެރިކަމުގެ ވާހަކައަކީވެސް ދިވެހިންގެ ތެރޭގައި ފަހަކަށް އައިސް ވަރަށް ބާރަށް ދައްކަމުންދާ ވާހަކަތަކެކެވެ.

ނޫސްވެރިކަމާއި ނޫސްވެރިންގެ ކުރިއެރުމާމެދު ސަރުކާރުގެ ސިޔާސަތު ހާމަކުރައްވަމުން ދ. އަތޮޅު މީދޫގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ ނޫސްވެރިންނަށް ސަރުކާރުން ހުރަސް ނާޅުއްވާނެ ކަމަށެވެ. މި ސަރުކާރަކީ ނޫސްވެރިންނާއެކު އޮތް ސަރުކާރެއްކަން ހާމަކުރައްވަމުން އެދުވަހު ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ކުރައްވާ ކަންތައްތަކަށް ފަޑުކިޔުމަކީ މައްސަލައެއް ނޫންކަމަށާ، އެހެންނަމަވެސް ގަސްތުގައި މީހުންގެ އަބުރު ކަތިލުމަށް ކުރާ މަސައްކަތްތަކަށް ފުރުޞަތު ނުދެއްވާނޭކަމަށެވެ.

img:http://s1.psmnews.mv/images/660x400/14645882766213.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް - ފައިލް ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތްކަން ހާމަވެގެންދާ އެއްކަމަކީ ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި ބައެއް ނޫސް އެޖެންސީތަކުން ލިޔެ އަދި ފޮނުވާ ޚަބަރުތަކުންނެވެ. ބައެއް ޚަބަރުތަކުގައި މީހުންގެ އަބުރަށް އަރައިގަނެ ދޮގު ޚަބަރުތައް ފަތުރަމުންދާކަން ޢާއްމު ރައްޔިތުންވެސް ފާހަގަކުރެއެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ ޑިފަމޭޝަން ނުވަތަ އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމެވެ.

އެ ބިލުގެ ސަބަބުން ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަން މަރާލަނީ ކަމަށް ބައެއް ނޫސްވެރިންނާއި މީޑިއާތަކުން ބުނަމުންދިޔަ ނަމަވެސް ބިލް ފާސްވެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެބިލް ތަސްދީގު ކުރައްވާފައެވެ. ނަމަވެސް ނޫސްވެރިކަން އަދިވެސް ރާއްޖޭގައި ދެމިއެބައޮތެވެ. އަދިވެސް މީޑިއާތަކުން ބޭނުން އެއްޗެއް ލިޔަމުން ހާމަކުރަމުންދެއެވެ.

ތަފާތަކަށް ވެގެންދަނީ ޚަބަރެއް ނުވަތަ ރިޕޯޓެއް ރައްދުވާ މީހެއްގެ ބަހެއް ނުހޯދައި އޭނާއަށް ނިސްބަތްކޮށް ބޭނުން ކޮންމެ އެއްޗެއް ކިޔަމުންދިޔަ ދިއުމަށް ނިމުން އައުމެވެ. މިއީ ދުނިޔޭގެ އެހެން ތަހުޒީބު ޤައުމުތަކުގައިވެސް ނޫސްވެރިކަން ކުރަމުން އަންނަ ގޮތެވެ.

ހުރިހާ ގޮތަކުން މިނިވަން، ހުރިހާ ގޮތަކުން މީހެއްގެ ފާޑުކިޔުމެއް ރައްދު ނުވާ، ހުރިހާ ގޮތަކުން ވަކި އަތަކަށް ނުޖެހޭ މަޝްހޫރު މީޑިއާއެއް ދުނިޔޭގެ އެއްވެސް ޤައުމެއްގައި އަދި ޚުދު ރާއްޖޭގައި ވެސް ނެތެވެ. ދިވެހި ނޫސްވެރިންނަށް މުހިންމުވާންވީ އިސްލާމް ދީނާއި ދިވެހި ޤައުމިއްޔަތުގެ ވިސްނުން ކުރިޔަށް ނެރެގެން ނޫސްވެރިކަން ކުރުމެވެ. ގަސްދުގައި ހަޤީގަތް އޮޅުވާނުލައި ނޫސްވެރިކަން ކުރުމެވެ.