ޚަބަރު

އަތޮޅުތަކުގެ ރައްޔިތުންނަށް މުޞްޙަފް ބައްސަވަން ފަށްޓަވައިފި


ދިވެހި ކޮންމެ ރައްޔިތަކަށް މުސްޙަފެއް ދެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގައި، އަތޮޅުތަކުގެ ރައްޔިތުންނަށް މުސްޙަފް ބައްސަވަން ސަރުކާރުން ފަށްޓަވައިފިއެވެ. ދިވެހިންނަށް ޚާއްސަކޮށްގެން ހިންގަވާ މި މަޝްރޫޢުގެ ދަށުން، ސަތޭކަ ޙާސް މުސްޙަފް ޗާޕްކޮށްގެން ރާއްޖެ ގެނެސްފައިވެއެވެ. 

މުސްޙަފް މާލްދީފަކީ ރާއްޖެއަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުސްޙަފެކެވެ. މި މުޞްޙަފްގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތަކާއި، ދިވެހި ދައުލަތުގެ ނިޝާނާ ލޯގޯ ބޭނުންކޮށްފައިވެއެވެ. ދިވެހިންނަށް ޚާއްޞަ ކުރައްވައިގެން ޗާޕްކުރައްވާފައިވާ މުޞްޙަފް މާލްދީފްގެ މުޞްޙަފެއް، ކޮންމެ ދިވެއްސަކަށް ދެއްވުމަށް ސަރުކާރުން ގެންދަވަނީ ޚާއްސަ މަޝްރޫއެއް ހިންގަވަމުންނެވެ. 

މިމަޝްރޫޢުގެ ދަށުން އަތޮޅުތަކަށް މުސްޙަފް ބައްސަވަން ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒިޔާދެވެ. މިގޮތުން ފުރަތަމ މުސްހަފް ބައްސަވަން ފަށްޓަވާފައިވަނީ ތ.އަތޮޅުގެ ރައްޔިތުންނަށެވެ. އެ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިނިސްޓަރ ޒިޔާދު ވަނީ ތ.އަތޮޅުގެ ތިން ރަށަކަށް މުސްޙަފް ބައްސަވަފައެވެ.  މި ޕްރޮގްރާމްގެ ދަށުން 945 މުސްޙަފް ގުރައިދޫއަށް، 460 މުޞްޙަފް ދިޔަމިގިއްޔަށް، 198 މުޞްޙަފް ގާދިއްފުށްޓަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. 

މުސްޙަފް ބެއްސެވުމުގެ ޕްރޮގްރާމް ށ.އަތޮޅުގައި ވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. ށ.މިލަންދޫއާއި، ނަރުދޫގެ ރައްޔިތުންނަށް މުސްޙަފް ޙަވާލުކުރެއްވީ  އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒިޔާދެވެ. 

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި، މުސްޙަފް ބެހުމަށް ހަމަޖެހިފައިވަނީ ޢުމުރުން ފަނަރަ އަހަރާއި ސާޅީސް އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށެވެ. 

މުސްޙަފް މާލްދީފް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ސަތޭކަ ހާސް މުސްޙަފް ޗާޕްކޮށްގެން ރާއްޖެ ގެނެސްފައިވެއެވެ. މުސްޙަފް މާލްދީފް ޕްރޮގްރާމްގެ ދަށުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މުސްޙަފް ބެއްސެވުމުގެ ޕްރޮގްރާމް ވަނީ ފަށްޓަވާފައެވެ. އެގޮތުން ސަރުކާރުގެ ދިހަ ކުންފުންޏެއްގެ މުވައްޒަފުންނަށް މުސްޙަފް ބަހަން އިސްލާމިކް މިނިސްޓްރީން ވަނީ ޙަވާލުކުރައްވާފައެވެ.

މިމަޝްރޫޢުގެ ފުރަތަމަ ކޮޕީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އަރުވާފައިވަނީ 27 ސެޕްޓެމްބަރ 2016 ގައެވެ. ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން މިމަޝްރޫޢުގެ ދަށުން ކޮންމެ ދިވެއްސަކަށް މުސްޙަފެއް ދެއްވުމެވެ.