ތަރައްްޤީ

ގްރޭޓަރ މާލެއާއެކު ވ.އަތޮޅުވެސް ތަރައްޤީ ކުރަނީ!


ގްރޭޓަރ މާލެ ތަރައްޤީ ކުރެވިގެންދާނީ ވ. އަތޮޅާ ގުޅުވައިގެން ކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ވ. އަތޮޅު ޖެޓީ މަސައްކަތް އިފްތިތާހް ކޮށްދެއްވުމުގެ ގޮތުން އެރަށުގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ، ގްރޭޓަރ މާލެއާއެކު ވ. އަތޮޅު ތަރައްޤީ ކުރަންޖެހެނީ އެ އަތޮޅަކީ ފަތުރުވެރިކަމަށް ރަނގަޅު އަތޮޅަކަށް ވާތީކަމަށެވެ. އަދި މިފަދަ ތަރައްޤީއަކާއެކު، ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތަކެއްވެސް ވ. އަތޮޅުން ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މުނައްވަރު ވިދާޅުވީ ޤައުމެއް ކުރިއަރާނީ އެޤައުމެއްގެ އިޤްތިޞާދު ކުރިއަރައިގެން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ކުރައްވާ އެންމެ ބޮޑު އެއް މަސައްކަތްޕުޅަކީ، ރާއްޖޭގެ އިގްތިޞާދު ކުރިއެރުވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރުމަށް ހަމައެކަނި ބަޖެޓްގައި ހިމެނުމަކުން އެތަރައްޤީއެއް ނުގެނެވޭނެކަމަށެވެ. އަދި ބައެއް ބޭފުޅުން އެގޮތަށް ހީފުޅު ކުރެއްވި ނަމަވެސް އެއީ އެކަން ކުރެވޭނެ ގޮތެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ. އެގޮތުން ބޮޑެތި އާބާދީތަކަށާއި ކުދި އާބާދީ ހިމެނޭ ސަރަހައްދުތަކަށް އަމާޒުކުރައްވައިގެން އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން އަދި އިޖްތިމާޢީގޮތުން ރައްޔިތުންނަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ.