ތަރައްްޤީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތައް މިއަހަރު ނިމޭނެ- އެޗްޑީސީ


ދިވެހި ޒުވާނުންގެ އުންމީދުތަކާ، ދިވެހިރާއްޖޭގެ އިގްތިސާދާވެސް ގުޅިފައިވާ، ހުޅުމާލެ ދެވަނަ ފިޔަވަހީ ތަރައްޤީ ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ޖެނުއަރީ މަހު ދިހަވަނަ ދުވަހު ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމަށް ޚާއްސަ ބިން ހިއްކަން ފަށާ، ގާތްގަނޑަކަށް 77 ދުވަހުގެ ތެރޭގައި 244 ހެކްޓަރުގެ ބިން ހިއްކާވަނީ ނިންމާފައެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކޮށްލަންޖެހެއެވެ. މިސަރަހައްދުގެ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރ މަސްތެރޭގައި ވަނީ ނިންމާފައެވެ. ދެވަނަ ފިޔަވަހީގެ މަޝްރޫއުތައް އެކުއެކީގައި ކުރިއަށްގެންދިޔުމަށް ވަނީ ޕްލޭންކޮށްފައެވެ. އެގޮތުން މަގުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، ދެވަނަ ފިޔަވަހީގެ ހައުސިންގ މަޝްރޫއުތައްވެސް ދަނީ ހިގަނމުންނެވެ.

img:http://s3.psmnews.mv/images/660x400/14864743799815.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިން / ފޮޓޯ: އެޗްޑީސީ

ދެވަނަ ފިޔަވަހީގެ 15 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު އެ މަގުތަކުގައި ތާރު އެޅުމަށްޓަކައި މިހާރުދަނީ ތައްޔާރުވަމުންނެވެ. ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ 3 ލޭޔަރގެ ތެރެއިން 2 ލޭޔަރގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. ބާރު ސްޕީޑްގައި މި މަސައްކަތް ކުރިޔަށް ދާއިރު މި އަހަރު ނިމުމުގެ ކުރިން މަގުތަކުގެ މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ދެއްވިއެވެ.

ހުޅުމާލެ ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާއިރު، ދެ ފިޔަވަހީގައިވެސް ޒުވާނުންނާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގެވުމަށް ރާއްވަވާފައިވެއެވެ. މީގެތެރޭގައި އެންޓަރޓެއިންމެންޓް ޑެކްސް، އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް، ޒުވާނުންނަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތައް އަދި ކުޅިވަރަށް ޚާއްސަ ސަރަހައްދުތަކާއި، ނޮލެޖް ޕާކް އަދި އައިޓީ ޕާކް ހިމެނެއެވެ.