ޚަބަރު

އަލިފާން ރޯވި ގޭގެ ހާލަތު ނައިބު ރައީސް ބައްލަވާލައްވައިފި


މިއަދު ހެނދުނުގެ ވަގުތެއްގައި ގދ. ނަޑެއްލާގައި ރޯވެ އަނދާ ހުލިވި އެރަށު ފާލްސާގޭގެ ހާލަތު، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން، ނާއިބު ޢަބްދުﷲ ޖިހާދު ބައްލަވާލައްވައިފިއެވެ. 

މިއަދު ހެނދުނު 9:20 އެހާކަންހާއިރު ފާލްސާގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގަޑިއެއްހާއިރުގެ ތެރޭގައެވެ. މި ހާދިސާގައި ފާލްސާގެ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ފާލްސާގެއަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ނާއިބު ރައީސް ޖިހާދު ވަނީ ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުން އެގެއަށް ވަޑައިގެން ގޭގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި ފާލްސާގޭގެ ވެރިފަރާތާ ބައްދަލު ކުރައްވާ ހިތްވަރު ދެއްވިއެވެ.

އެމަނިކުފާނުގެ އަރިހުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދާއި އަދި ހޯމް މިނިސްޓްރީގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާނުވާއިރު މިގޭގައި އަލިފާން ރޯވިއިރު އެ ގޭގައި ހަ މީހުން ދިރިއުޅެމުންދިޔައެވެ. އޭގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެވަގުތު އެ ސަރަޙައްދުގައި ހުރި ނަޑެއްލާ މީހަކު ބުނީ އަލިފާން ރޯވިއިރު ފާލްސާގޭގައި ބައެއް މީހުން ނިދާފައި ތިބި ކަމަށެވެ. އޭނާ ބުނީ އެ ގޭގައި ދިރިއުޅެމުން ދިޔަ ހަ މީހުން ލައިގެން ހުރި އެއްޗިހި ނޫން އެހެން ހުރިހާ ސާމާނެއް އަނދާ ހުލިވެފައިވާ ކަމަށެވެ. 

އެ ހާދިސާ ހިނގަން މެދުވެރިގޮތް ބެލުމަށް ފުލުހުންގެ ޚާއްސަ ޓީމެއް މިހާރު އަންނަނީ ނަޑެއްލާގައި ހަރަކާތްތެރިވަމުންނެވެ.