ޚަބަރު

ދިވެހިބަހުގެ މުސްތަޤްބަލް އޮތީ އުޖާލާކޮށް- ޑރ.ޝަމީމް


ދިވެހިބަހުގެ މުސްތަޤްބަލު އޮތީ އުޖާލާކޮށް ކަމަށާއި ދިވެހިބަހަކީ ޙިމާޔަތްކުރެވިފައިވާ ބަހެއްކަމަށް ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ބޭއްވެވި އަދަބީ ޢީދުގެ ޙަރަކާތްތަކުގެ އިނާމުދިނުމުގެ ގޮތުން ރޭ އޮލިމްޕަހުގައި ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ދިވެހިބަހަކީ ޙިމާޔަތްކުރެވިފައިވާ ބަހެއް ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ޑރ. ޢަލީ ޝަމީމް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ލައިބްރަރީ ހުންނަ ޤައުމަކީ އެމެރިކާގައިކަން ފާހަގަކުރައްވައި އެ ލައިބްރަރީއަކީ ދުނިޔޭގެ އެކި ޤައުމުތަކާއި ތަފާތު ގިނަ ލިޔުންތެރިން ލިޔެފައިވާ ފޮތްތައް ހުރި ލައިބްރަރީއެއްކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ އެ ލައިބްރަރީގައި އަމިއްލަ ބަހުން ލިޔެފައިވާ ލިޔުންތައް ހުރީ އަތުން ގުނާލެވޭ ވަރަށް ކަމަށެވެ. އެގޮތުން އެ ލިޔުންތަކުގެ ތެރޭގައި ދިވެހި ބަހުން ލިޔެފައިވާ ފޮތްތަކަށް ވަކިން ޚާއްޞަ ތަނެއް ހުންނަކަމަށް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ލައިބްރަރީގައި ދިވެހިބަސް ޙިމާޔަތް ކުރެވިފައިވާކަން ފާހަގަކުރައްވައި މިޒަމާނަކީ ޑިޖިޓަލް ޒަމާނެއް ކަމުން މިފަދަ ޒަމާނެއްގައިވެސް ދިވެހި ބަހަށް އިސްކަން ދީފައިވާކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޝަމީމް ވިދާޅުވީ ޒަމާނީ ތަފާތު އެކި ޑިޖިޓަލް ތަކެތީގައިވެސް ދިވެހިންގެ ތާނަ އަކުރު ބޭނުން ކުރެވޭ ކަމަށާއި އެއީ ދިވެހިން ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ.

ޝަމީމްގެ ވާހަކައިގައި ވަނީ ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ދިވެހިބަސް ދިރުވައި އާލާކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.