ތަރައްްޤީ

7000 ހައުސިންގ ޔުނިޓްގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަން ފަށާފައިވާ 7000 ހައުސިން ޔުނިޓްގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.  

ދެވަނަ ފިޔަވަހީގައި ތިރީސްހާހާއި ތިރީސް ފަސްހާހާ ދެމެދުގެ ޢަދަދަކަށް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. ހުޅުމަލޭގެ ދެ ފިޔަވަހި ތަރައްޤީކުރަނީ ދުއިސައްތަ ސާޅީސް ހާހަށްވުރެ ގިނަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެނެވެ. ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރުމަށް މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ފަނަރަ ހާސް ހައުސިންގ ޔުނިޓްގެ ތެރެއިން ހަތްހާސް ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ޗައިނާ ސްޓޭޓުން ތަރައްޤީކުރާ މި ހަތްހާސް ހައުސިންގ ޔުނިޓް އެކުލެވިގެންވަނީ 25 ބުރީގެ 16 ޓަވަރުގެ މައްޗަށެވެ. މި ހައުސިންގ ޔުނިޓްތައް ތަރައްޤީ ކުރުމުގެ ލޯން އެއްބަސްވުމުގައި ޗައިނާގެ "އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް"، އައިސީބީސީއާއެކު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން މިހާރުވަނީ ސޮއިކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫއުތަކާގުޅޭ ގޮތުން ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ހަތްހާސް ހައުސިންގ ޔުނިޓްގެ ފައިނޭންސް ހަމަޖެހި މަސައްކަތް ފަށާފައިވާއިރު، ބާކީހުރި ހައުސިން ޔުނިޓްތަކުގެ ފައިނޭންސް ހަމަޖެއްސުމުގެ ކަންކަން ކުރައްވަމުން އަންނަ ކަމަށެވެ.

ހަތްހާސް ހައުސިންގ ޔުނިޓްގެ ފައުންޑޭޝަން އެޅުމަށްޓަކައި، ބޯ ހޯލް ޓެސްޓިން ނިމި ޕައިލް ޓެސްޓިންގެ މަސައްކަތްދަނީ ކުރިއަށެވެ. ދެވަނަ ފިޔަވަހީގައި ތިރީސްހާހާއި ތިރީސް ފަސްހާހާ ދެމެދުގެ ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވެއެވެ. ސައިމަން ވިދާޅުވީ، އެއްފަހަރާ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތަކަށް މަސައްކަތް ރާވާފައިވާކަމަށެވެ.

ދެވަނަ ފިޔަވަހީގެ މިސްކިތްތަކުގެ މަސައްކަތްވެސް މިއަހަރު ފަށްޓަވާނެ ކަމަށް ސައިމަން ވިދާޅުވިއެވެ. މިފިޔަވަހީގައި 2018 ވަނަ އަހަރު މީހުން އާބާދު ކުރުމަށްވަނީ އަމާޒު ހިފާފައެވެ.