ތަރައްްޤީ

މާފަރު އެއަރޕޯޓް ތަރައްޤީކުރަން ބަޔަކާ ހަވާލުކުރައްވައިފި


ނ. މާފަރު އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ހަވާލުކުރައްވައިފިއެވެ. 

އެކަމަށްޓަކާ މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މަޢުރޫފެވެ. 

ނ. މާފަރު އެއަރޕޯޓު ތަރައްޤީކުރުމަށް ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ހުށައަޅާފައިވަނީ 1800 މީޓަރުގެ ރަންވޭއަކާއެކު، އެއް ފަހަރާ 6 ޖެޓަށް ޙިދުމަތްދެވޭގޮތަށް އެންމެފަހުގެ ޒަމަނީ ވަސީލަތްތައް ހިމެނޭހެންނެވެ. އަދި މި އެއަރޕޯޓް ތަރައްޤީކޮށް ޚިދުމަތް ފެށްޓެވުމަށް އެކުންފުނިން ހުށައަޅާފައިވަނީ 24 މަސް ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. 

މާފަރު އެއަރޕޯޓުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރައްވާފައިވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން އެއަރޕޯޓުގައި ޓްރާންސިޓް ހޮޓަލަކާއި، އެއަރޕޯޓް ހިމެނޭ ސަރަޙައްދުގެ ފަޅުތެރެއިން ބިން ހިއްކައިގެން ރިސޯޓް ތަރައްޤީކުރާގޮތަށެވެ. 

އެއަރޕޯޓްތައް ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ މައިގަނޑު ސިޔާސަތަކީ އެއަރޕޯޓް ތަރައްޤީކުރުމާއި، އެއަރޕޯޓު ހިންގުމަށް ހިނގާނޭ ޚަރަދު އެ އެއަރޕޯޓަކުން ފަރުޖެއްސޭނޭގޮތަށް ފައިނޭންޝަލީ ފީސަބަލް އެއްޗަކަށް ހެދުންކަމަށާއި، މާފަރު އެއަރޕޯޓް ތަރައްޤީކުރުމުގެ މި ޕްރޮޖެކްޓަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ރިސޯޓެއް ތަރައްޤީކުރާނޭ ރަށެއްނުދީ އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދެވޭ ފުރަތަމަ މަޝްރޫޢުކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. 

ނ. އަތޮޅުގައި އެންމެ ފުރަތަމަ އެއާރޕޯޓެއް ތަރައްޤީކުރުމަށް އިޢުލާން ކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ. ނަމަވެސް އޭރު އެ މަސައްކަތް ހަވާލުކުރި ނޫނު ހޮޓެލްސްއިން މަސައްކަތް ކުރިއަށް ނުގެންދާތީ، އެގްރިމެންޓް ބާތިލްކޮށް، މިލޭނިއަމް ކެޕިޓަލާ މާފަރު އެއާރޕޯޓް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ  2013 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެއަރޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓުން މާފަރު އެއަރޕޯޓުގެ މަސައްކަތް 2016 ވަނައަހަރުގެ ފަހުކޮޅު ނުވަތަ 2017 ވަނައަހަރުގެ ކުރީކޮޅު ނިންމާލެވޭނެކަމަށް ބުނެފައިވީނަމަވެސް، އެގްރިމެންޓްގައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ، ސަރުކާރުން ވަނީ އެކުންފުންޏާއެކުވެފައިވާ އެއްބަސްވުން ބާތިލްކުރައްވާފައެވެ. 

މާފަރު އެއަރޕޯޓުގެ މަސައްކަތް ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވާފައިވާއިރު، ރާއްޖޭގެ ޓްރާންސްޕޯޓް ވިއުގަރ ހަރުދަނާކުރެއްވުމަށްޓަކައި، ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން ހދ.ކުޅުދުއްފުށި، ފ.ނިލަންދޫ، ގދ.މާވަރުލު، އަދި އެއަތޮޅު ފަރެސްމާތޮޑާގެ އިތުރުން ށ.ފުނަދޫގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިދިޔަ މާރޗްމަހުގެ ތެރޭގައި މެލޭޝިއާގެ ގްރީޕޮން އެނަރޖީއާއި ވަނީ ހަވާލުކުރައްވާފައެވެ. 

ދަޢުލަތުގެ ބަޖެޓުން ފަންސާސް ހަތެއް ޕޮއިންޓް ފަހެއް މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ތަރައްޤީކުރައްވާ މި 5 އެއަރޕޯޓުގެ މަސައްކަތްވެސް އަންނަ އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.