ޚަބަރު

14 ވަނަ ސައުތް އޭޝިއަން ފޯރަމް ރާއްޖޭގައި ފަށައިފި


14 ވަނަ ސައުތް އޭޝިއަން ފޯރަމް މިއަދު ރާއްޖޭގައި ފަށައިފިއެވެ. 

މި ފޯރަމް ރަސްމީގޮތުން ފަށްޓަވައިދެއްވީ މިނިސްޓަރ އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދެވެ. ތިން ދުވަހުގެ މުއްދަތަށް ބާއްވާ މި ފޯރަމް އޮންނާނީ ބަނޑޮސް އައިލޭންޑް ރިސޯޓްގައެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްއާއި އޭޝިއަން މެނޭޖްމަންޓް އިންސްޓިޓިއުޝަން ފޮރ ޑިވެލޮޕްމަންޓް އިން ސައުތް އޭޝިއާ، އަމްޑީސާ ގުޅިގެން އިންތިޒާމްކުރާ ފޯރަމެކެވެ. 

14 ވަނަ ސައުތް އޭޝިއަން ފޯރަމްގެ މައިގަނޑު މައުޞޫއަކީ "ގަވަރނަންސް އެންޑް ޕަބްލިކް ޕޮލިސީ- ރޯލް އޮފް މެނޭޖްމަންޓް ޑިވިލޮޕްމަންޓް"އެވެ. މި ފޯރަމްގައި ސައުތު އޭޝީއާގެ ތަފާތު އެކި ޤައުމުތަކުން 90 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. 

ރާއްޖެއިން މި ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަންނަވަނީ ނޭޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓެވެ. 

މިފޯރަމްގެ މައިގަނޑު މަޤުސަދަކީ މެނޭޖްމަންޓްގެ ރޮނގުން ތައުލީމު ލިބިފައިވާ އެކި ފަރާތްތައް އެއްތަންކޮށް، އެބޭފުޅުންގެ ޚިޔާލު ޙިއްޞާކުރުމެވެ. މިގޮތުން މިކޮންފަރެންސްގެ މައިގަނޑު މަޢުޟޫޢާ ގުޅޭގޮތުން ތަފާތު ދިރާސާ ކަރުދާސްތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިމައުޟޫޢު ވަނީ ހަތަރު ބަޔަކަށް ބަހާލެވިފައެވެ. 

މިބައިތަކަކީ:

- ގަވަރނަންސް އެންޑް މެނޭޖްމަންޓް ޑިވެލޮޕްމަންޓް- ވިދަރ މެނޭޖްމަންޓް އެޑިޔުކޭޝަން

- އިވޯލްވިންގ ޕަބްލިކް ޕޮލިސީ- ރޯލް އޮފް މެނެޖްމަންޓް އެޑިޔުކޭޝަން

- ޑައިނަމިކް އޮފް ގަވަރނަންސް އެންޑް ޕަބްލިކް ޕޮލިސީ- ކަރެންޓް ޓްރެންޑްސް

- މެނޭޖްމަންޓް އެޑިޔުކޭޝަން އިން އިވޯލްވިންގ ގަވަރނަންސް ސްޓްރެޓެޖީސް

މިކޮންފަރެންސްގައި ހުށަހަޅާ ދިރާސާ ކަރުދާސްތަކުގެ އެހީގައި ސައުތު އޭޝިއާގެ ގައުމުތަކަށް، ގަވަރނަންސް އަދި ހިންގުމުގެ ދާއިރާއިން ބޭނުންކުރެވޭނެ ބްލޫ ޕްރިންޓެއް އެކުލަވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

މި ކޮންފަރެންސް ހުޅުވައިދެއްވަމުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ އޭޝިއާގެ ބޮޑެތި އިޤްތިޞާދުތަކުގައި ފަރިތަކުރާ މެނޭޖުމަންޓުގެ މޮޑިއުލްތައް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ކޯޕަރޭޝަންތަކާއި ސަރުކާރުތައް ހިންގުމުގައި މިފަދަ މޮޑިއުލްތަކަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. 

މިނިސްޓަރ ސަޢީދު ވަނީ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިޤްތިޞާދީ ސިޔާސަތާއި އަދި އިޤްތިޞާދީ ގޮތުން މިއަދު ރާއްޖެ ދެކެމުން އަންނަ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.