ޚަބަރު

"ޓެރަރިޒަމަށް ދިވެހި ސިފައިން އަބަދުވެސް ތިބޭނީ ތައްޔާރަށް"


ދިވެހި ޤައުމަށް ޤައްދާރުވާ މީހުންގެ ނުބައި ރޭވުންތަކުގެ ސަބަބުން ދިވެހި ސިފައިންގެ ބަދަހި ސަފުތައް ފޫ އެޅިގެން ގޮސްގެން ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 125ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ދިވެހި ޤައުމުގައި ހިންގާ ޖަރީމަތަކާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ދިވެހި ސިފައިން އަބަދުވެސް ތިބޭނީ ތައްޔާރީ ޙާލަތުގައި ކަމަށާއި އެފަދަ ހުރިހާ ކަމަކަށް ދިވެހި ފުލުހުންނަށް ދިވެހި ސިފައިންގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމަށެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ޓެރަރިޒަމްގެ ޢަމަލެއް ހިންގަފާނެ ކަމަށްވެސް ދިވެހި ސިފައިން އަބަދުވެސް ތިބޭނީ ތައްޔާރީ ޙާލަތުގައި ކަމަށެވެ.

ޤައުމު އާރާސްތު ކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ސިފައިންގެ ޚިދުމަތުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ އެބޭފުޅުން ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކަކީ މަތިވެރި ޚިދުމަތްތަކެއް ކަމަށެވެ. އަދި މިއަދުވެސް ދިވެހި ސިފައިން އަންނަނީ އެފަދަ ޤުރުބާނީތައް ވަމުން ކަމަށް ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މީގެކުރިންވެސް ހިނގާފައި ހުރި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާފައި ވަނީ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މިއަދު ދިވެހި ސިފައިންވެސް އަދި ޢާންމު ދިވެހި ރައްޔިތުންވެސް މާޒީން ޢިބުރަތް ޚާސިލް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ދިވެހި ސިފައިން އަސްކަރީ އަޚްލާގުން ޒީނަތްތެރިވާންޖެހޭ ކަމަށާ، އޭރެއްގައި އުފެދިފައި އޮންނަ ޤާނޫނީ ސަރުކާރެއް ދަމަހައްޓާ އެ ސަރުކާރަކަށް ކިޔަމަންވުމާއި އެހީތެރިވުމަށް ސިފައިން އޮންނަންޖެހޭނީ އަބަދުވެސް ތައްޔާރަށް ކަމަށެވެ.