ޚަބަރު

ޤައުމު ހަލަބޮލިވަނީ ބައެއް މީހުންގެ މަވެތިކަމާހެދި- ރައީސް


ޤައުމުގެ އަމާން ވެށި ހަލަބޮލިވެގެން ދަނީ ދިވެހިންގެ ތެރެއިން ބައެއް މީހުން މަވެތިކަން އިސްކުރާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 125ވަނަ ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސިފައިންގެ 125ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ތިނެއް ނޮވެމްބަރުގެ ޙާދިސާއަކީ ފަހުގެ ތާރީޚެއްގައި ދިވެހިން ދުއް އެންމެ ހިތްދަތި އެއް ޙާދިސާ ކަމަށެވެ. އަދި އެ ޙާދިސާއަކީ ދުވަހަކުވެސް ދިވެހި ތާރީޚުން ފުހެވިގެންދާނެ ހާދިސާއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެފަދަ ނުރައްކާތައް އަބަދުވެސް ދިވެހި ދަޢުލަތާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި އެފަދަ ހުރިހާ ކަމެއްގައި ދިވެހިންގެ ތެރެއިން ބަޔަކު ބޭރުގެ މީހުންނާ ބައިއަތު ހިފުމަކީ ހިތާމަހުރި ކަމެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަކީ ދިވެހި ދަޢުލަތުގެ އެންމެ މަތިވެރި ޚިދުމަތް ކަމަށެވެ. ދިވެހި ދަޢުލަތަކީ އަބަދުވެސް ބޭރުގެ ފަރާތްތަކުން ތޮޅެމުން އަންނަ ދަޢުލަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ އެފަދަ ހުރިހާ ކަމެއްވެސް ދިވެހި ދަޢުލަތަށް ކުރިމަތިވަމުން އަންނަނީ ދިވެހި ދަޢުލަތުގެ ވެރިކަމަށް ދަހިވެތިވެފައި ތިބި މީހުންގެ ހަސަދަވެރިކަމާ މަކަރުވެރިކަމުގެ ސަބަބުން ކަމަށެވެ.

ދިވެހިންނަކީ ތޫނުފިލި ބައެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ ތޫނު ފިލިކަން ދިވެހިންގެ ސިކުނޑިން "ފޮއްސި"ވެގެން ދަނީ ދަޢުލަތުގެ މަތިވެރި އަޚްލާގުގެ ކުރިއަށް މަވެތިކަން އިސްކުރާތީ ކަމަށެވެ.