ޚަބަރު

މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ހަދާ ޗެމްބަރ ނިމިއްޖެ- ރައީސް


ކުރިއަށް މި އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 125ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ ދިރިހުރުމުގެ ހައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށެވެ. ނަމަވެސް އެ ހައްޤު ނިގުޅައި ގަނެވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ސަރުކާރުން މާފުށީގައި އިމާރާތް ކުރާ ޗެމްބަރުގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ހިންގާ ބޮޑެތި މިފަދަ ކުށްތައް ހުއްޓުވުމަށް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދިރިހުރުމުގެ ހައްޤާ އެއްވަރަށް މުދަލުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އަދި އެކަން ކަށަވަރު ކުރަންޖެހެނީ އެއީ ޤާނޫނު އަސާސީގައި ކަޅާ ހުދުން އެކަން ލިޔެފައި އޮތުމުން ނޫން ކަމަށް އެމނިކުފނު ފާހަގަ ކުރެއްވިއެވެ.