ޚަބަރު

މި ސަރުކާރުން ވަނީ ޤައުމަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދެއްވާފަ"


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ދިވެހި ސިފައިންނަށް، ސިފައިންގެ ފުރިހަމަ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދެއްވާފައިވާކަމަށް ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަޙްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

125ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، މި ސަރުކާރުން ޤައުމަށް ގެނެސްދެއްވި އިޖުތިމާޢީ ހަމަޖެހުމުގެ ސަބަބުން ސިފައިންނަށް ޤާނޫނުން މަތިކޮށްފައިވާ ކަންކަން ކުރުމަށް ފަސޭހަވެގެން ގޮސްފައިވާކަމަށެވެ. އަދި ސިފައިންނަށް އިތުރު ތަމްރީނުގެ ފުރުސަތުވެސް ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި.

ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަޙްމަދު ސިޔާމްގެ ވާހަކަފުޅުގައި، ސިފައިންގެ ޚިދުމަތުގައި މީގެ އެތައް އަހަރެއް ކުރިން ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުން ޤައުމަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ، އެބޭފުޅުން ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުން ނަމޫނާ ލިބިގަނެ އަދުގެ ދިވެހި ސިފައިން، ސިފައިންގެ ވާޖިބު އަދާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އަންނަން އޮތް ޖީލަށް ސިފައިންގެ ވަޒީފާ ފަސޭހައިން އަދާކުރެވޭނެ ނިޒާމުތައް ޤާއިމްކުރަންޖެހޭ ކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ސިޔާމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިއަހަރު ސިފައިންގެ ޝިއާރުކަމުގައިވާ "އަޚްލާޤް" ގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ވިދާޅުވީ ސިފައިންނާ ޢާންމު އެހެން ބޭފުޅުންނާ ތަފާތުވާ ހަމައެކަނި ކަމަކީ ސިފައިންގެ އަޚްލާޤް ކަމަށެވެ.