ޓުއަރިޒަމް

ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީންކުރާ ފެކަލްޓީއަށް 30 އަހަރު!


ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އުފެދުނުތާ 30 އަހަރު ވީއިރު މި ފެކަލްޓީން ގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ހުނަރުވެރިން އުފެއްދުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ.

ފާއިތުވި 30 އަހަރު އެކި ނަންނަމުގައި މި ފެކަލްޓީ ހިންގަމުން އައިސް މިހާރު ގެ ނަން ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ ނަމަށް ބަދަލު ކޮށްފައިވަނީ، 1999 ވަނަ އަހަރުއެވެ.

އިންސްޓިޓިއުޓް އޮފް ހޮޓެލް އެންޑް ކޭޓަރިންގގެ ނަމުގައި އެތަން އެންމެ ފުރަތަމަ ހިންގަން ފެށީ، ޔޫ.އެން.ޑީ.ޕީ އާއި ޔޫރަޕިއަން އިކޮނޮމިކް ކޮމެޓީގެ އެހީތެރިކަމާއެކުއެވެ. އެހެންނަމަވެސް މިހާރު މި ފެކަލްޓީ ހިގަމުން އަންނަނީ ޤައުމީ ޔުނިވަރސިޓީގެ ދަށުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުންނަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަޤްސަދުގައި ހިންގަމުން އަންނަ މި ފެކަލްޓީ އެތައް ޒުވާނުންނެއް ތަމްރީނުވެ ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވަމުންދެއެވެ.  

img:http://s4.psmnews.mv/images/660x400/14928569001004.jpg|ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތެެއްގެ ތެރެއިން / ޕީއެޗްޑީ ފެންވަރުގެ ކޯސްތަކާ ދިމާއަށް ފެކަލްޓީން ވަނީ މިސްރާބު ޖަހާފައި

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ ޑީން، ޒީނާޒް ހުސެއިން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުމުގައި އެ ފެކަލްޓީން ފާއިތުވި 30 އަހަރުތެރޭގައި މުހިއްމު މަސައްކަތެއް ކޮށްފައިވާކަމަށެވެ. އަދި ފެކަލްޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަމްރީން ވުމުގެ ފުރުސަތުތައް ހޯދައި ދިނުމަށް ފެކަލްޓީން މަސައްކަތްކުރަމުން އަންނަކަމަށެވެ.

ޒީނާޒް ވިދާޅުވީ، ޕީއެޗްޑީ ފެންވަރުގެ ކޯސްތަކާ ދިމާއަށް ފެކަލްޓީން މިސްރާބު ޖަހާފައިވާ ކަމަށާއި، ފެކަލްޓީން ހިންގަމުން އަންނަ ކޮންމެ ކޯހަކީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ކޯސްތަކެއް ކަމަށެވެ. ފެކަލްޓީގެ ހަޔާތުން ތިރީސް އަހަރު ފުރޭއިރު، އެތަނުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން އެތަން ސިފަކުރަނީ ވަރަށްވެސް އެކުވެރި މަޖާ މާހައުލެއްގެ ގޮތުގައެވެ. ފެކަލްޓީގެ ތިރީސްވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު، ފެކަލްޓީގެ ވެބްސައިޓާއި، ޔޫޓިއުބް ޗެނަލްވެސް ވަނީ ލޯންޗް ކޮށްފައެވެ.

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގައި ހަތަރު ޑިޕާރޓްމެންޓެއް އޮވެއެވެ. އެއީ، ޓްރެވެލް އެންޑް ޓޫރިޒަމް، ފުޑް އެންޑް ބެވަރޭޖް، އެކޮމޮޑޭޝަން އަދި އެޑްމިނިސްޓްރޭޓިވް ޑިޕާރޓްމެންޓެވެ. ފެކަލްޓީން ގެންދަނީ މި ދާއިރާތަކުން ސެޓްފިކެޓް ލެވެލުން ފެށިގެން މާސްޓަރސް ފެންވަރުގެ ކޯސްތައް ހިންގަމުންނެވެ. ފެކަލްޓީގައި ފަސް ސަތޭކައަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދެއެވެ.