ތަރައްްޤީ

ބެޗްގެ ރެސިޑެންޝަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި


ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓުން ހުޅުމާލޭގައި ތަރައްޤީކުރާ 10 ބުރީގެ ރެސިޑެންޝަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފިއެވެ. 

މި ރެސިޑެންޝަލް ކޮމްޕްލެކްސްގައި ޖުމްލަ 69 އެޕާޓްމަންޓް ހުންނާނެއެވެ. މިތަން ފަރުމާކޮށްފައިވަނީ އެންމެ ތިރީ ދެ ފަންގިފިލާ ޝޮޕިންގ މޯލްއަށް ޚާއްސަކޮށްގެނެވެ. އަދި ދެވަނަ ފަންގިފިލާއިން ފެށިގެން މަތީ ފަންގިފިލާތައް ޚާއްސަކޮށްފައި ވަނީ ޢާއްމު ދިރިއުޅުމުގެ ބޭނުންތަކަށެވެ.  

މި ރެސިޑެންޝަލް ކޮމްޕްލެކްސްގައި މެދު ފަންތީގެ އިތުރުން ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓްތައް ހިމެނޭ ގޮތަށް ތަފާތު ހަ ވައްތަރެއްގެ އެޕާޓްމަންޓްތައް ހުންނާނެކަމަށް ބެޗް ކޮންސްޓްރަކްޝަނުން ބުނެއެވެ. އަދި ޢިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޕާކިން ސަރަހައްދެއްވެސް ހެދުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ.

img:http://s1.psmnews.mv/images/660x400/14928554038460.jpg|ބެޗު ކޮންސްޓްރަކްޝުން ހުޅުމާލޭގައި ތަރައްޤީކުރާ ރެޝިޑެންޝަން ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ބެޗް ކޮންސްޓްރަކްޝަން

މިތަނުން އެޕާޓްމަންޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާއިރު، އެޕާޓްމަންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެޗް.ޑީ.އެފް.ސީ މެދުވެރިކޮށް އެންޑް ޔޫސަރ ފައިނޭންސް ނުވަތަ ސެލްފް ފައިނޭންސް އުސޫލުން ފްލެޓްތަކަށް ފައިސާ ދެއްކޭނެކަމަށް ބެޗް ކޮންސްޓްރަކްޝަނުން މަޢުލޫމާތުދެއެވެ.

މި ފްލެޓްތަކުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.