ޚަބަރު

އޭސީސީއާއި އައި.ޔޫ.އެމް ގުޅިގެން މަހާސިންތާއެއް ބާއްވަނީ


އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިވަޑައިގެން ސަރުކާރުގެ އިދާރާތައް ބައިވެރިކުރައްވައިގެން، ޤައުމީ ފެންވަރުގެ މަހާސިންތާއެއް ބާއްވަވަން ނިންމައިފިއެވެ. 

އިސްލާމިކް ޔުނިވަރސިޓީގައި މިއަދު މެންދުރު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭސީސީގެ ނާއިބު ރައީސް މުޢައްވިޒު ރަޝީދު ވިދާޅުވީ މަހާސިންތާ ބޭއްވެވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 އިން 11 އަށް ކަމަށެވެ. މުޢައްވިޒު ވިދާޅުވީ އެ މަހާސިންތާގައި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރައްވާ ދައުލަތުގެ އިދާރާތަކުން ބައިވެރިވާނޭކަމަށެވެ. އަދި ޚާއްޞަކޮށް ޖިނާޢީ ޢަދުލުގެ ނިޒާމް ތަންފީޒުކުރައްވާ އިދާރާތައް އެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މުޢައްވިޒްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މަހާސިންތާގައި ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ހުއްޓުވުމަށް އެ އިދާރާތަކުން ކުރައްވާ މަސައްކަތްތަކާ ގުޅޭ ކަރުދާސްތަކެއް ހުށަހެޅުއްވުން އޮންނާނެ ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަހާސިންތާގައި ދައުލަތުގެ އިދާރާތަކާއެކު މަޝްވަރާ ކުރެވޭނެ ކަމަށްވެސް މުޢައްވިޒް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14926148315307.jpg|އޭސީސީއާއި އައިޔޫއެމް ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

"ކޮރަޕްޝަންގެ ތެރޭގައި އެންމެ ބޮޑަށް އުޅޭ އެއް މައްސަލައަކީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ކުރާ ކަންތައްތައް. އެ މައްސަލައަށް މި މަހާސިންތާގައި ވަރަށް ފުޅާކޮށް ވާހަކަދެކެވިގެންދާނެ،" މުޢައްވިޒު ވިދާޅުވިއެވެ.

މުޢައްވިޒު ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީއާ ގުޅިވަޑައިގެން ކުރިއަށްގެންދާ މަހާސިންތާގެ މައިގަނޑު މަޤްސަދަކީ ކޮރަޕްޝަން ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި ކުރެވޭ މަސައްކަތްތަކާއި މެދު މަޝްވަރާ ކުރުން ކަމަށެވެ.