ޚަބަރު

ރައުދާގެ ވާހަކަތައް އިތުރަށް ނުދައްކާ، އޭނާ އެނބުރިއެއް ނާންނާނެ


ރަޢުދާ ޢާޠިފަކީ ބަންގްލަދޭޝްގައި މެޑިސިންގެ ރޮނގުން ކިޔަވަމުން އައި ދަރިވަރެކެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. ރަޢުދާގެ މަރުގެ ތަޙްޤީގު ބަންގްލަދޭޝްގެ ފުލުހުންނާއި ދިވެހި ފުލުހުންވެސް އަންނަނީ ކުރަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމަކުން ވަނީ ބަންގްލަދޭޝްގައިވެސް ޙަރަކާތްތެރިވެފައެވެ. ރަޢުދާގެ މަރާ ގުޅިގެން ނޫސްތަކުގައާއި މީޑިއާތަކުގައި ތަފާތު ގޮތްގޮތަށް އަންނަނީ ވާހަކަތައް ދައްކަމުންނެވެ. 

ހ. ގާދޫ ބިލްޑިންގގައި ނޫސްވެރިންނާ ބައްދަލުކޮށް ރައުދާގެ މަންމަ މިއަދު ހަވީރު ބުނީ ރައުދާގެ މަރާ ގުޅިގެން ބައެއް މީހުންނާއި އަދި ބައެއް މީޑިއާތަކުން އެއްވެސް ހަޤީގަތެއް ނެތް ވާހަކަތަކެއް ދައްކަމުން އަންނަ ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ރައުދާގެ އާއިލާއަށް އަސަރުކުރާ ކަމަށް ރައުދާގެ މަންމަ ބުންޏެވެ. 

ރައުދާގެ މަންމަ ބުނީ އޭނާގެ ވާހަކަތައް ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް ދެން ރައުދާއެއް އެނބުރި ނާންނާނެ ކަމަށެވެ. އެހެންކަމުން ކުރަމުން އަންނަ ތަހުޤީގުތައް ވެސް ހުއްޓާލަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އަދި ބޭނުންވަނީ އާއިލާ ހަމަޖެހިލުމަށް ކަމަށާއި އެކަން ވާން އަންނަނީ ރައުދާގެ މަރާ ގުޅިގެން މީހުން ދައްކަމުން އަންނަ ދޮގު ވާހަކަތައް ހުއްޓާލުމުން ކަމަށް ރައުދާގެ މަންމަގެ ވާހަކައިގައި ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14913685451161.jpg|ބަންގްލަދޭޝްގައި ކިޔަވަމުންދަނިކޮށް މަރުވި، ރައުދާ އާތިފް / އޭނާގެ މަރުގެ ތަހްޤީޤް އިތުރަށް ކުރިއަށް ނުގެންދަން ޢާއިލާއިން ވަނީ ނިންމާފައި

ރައުދާގެ މަންމަ ބުނީ ރައުދާގެ ހަށިގަނޑު އަލުން އޮޓޮޕްސީ ހެދުމަށް ކަށްވަޅުން ނަގާ ވާހަކަ އަޑު އިވުނު ހިސާބުން އޭނާ ބަލިވެއްޖެ ކަމަށާއި އެހެންކަމުން ބަންގްލަދޭޝްގައި މިވަގުތު ހުރި ރައުދާގެ ބައްޕަ ގާތުގައިވެސް ތަހުޤީގު ހުއްޓާލުމަށްފަހު އެނބުރި ރާއްޖެއައުމަށް އެދިފައިވާނެ ކަމަށެވެ. ބައެއް މީޑިއާތަކުން ތަފާތު ގޮތް ގޮތަށް ރައުދާގެ މަރުގެ ވާހަކަތައް ރިޕޯޓް ކުރަމުން އަންނާތީ މާޔޫސްވެފައިވާ ރައުދާގެ މަންމަ ބުނީ ރައުދާ މަރުވީ ކިހިނެއްކަން ހެއްދެވި ފަރާތަށް ދެނެވޮޑިގަންނަވާނެ ކަމަށެވެ. އަދި އިތުރަށް ރައުދާގެ ހަށިގަނޑަށް އަނިޔާ ކުރަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ކިތަންމެ މޮޅު ތަހުޤީގެއް ކުރިނަމަވެސް އޭނާގެ ދަރިފުޅު އަނބުރާ ނާންނާނެ ކަމަށް ރައުދާގެ މަންމަގެ ވާހަކައިގައި ވަނީ ބުނެފައެވެ. 

އޭނާ ބުނީ ރައުދާ އޭނާގެ ގާތުގައި ދެއްކި ވާހަކަތަކުގެ ތެރެއިން ނޫހަކަށް ކިޔައިދިނީ އެންމެ ވާހަކައެއް ކަމަށެވެ. އެއީ ރައުދާގެ ކޮލެޖުގައި އޭނާއާ އެންމެ ގާތްކޮށް އުޅުނު ސީރަތު ޕަރުވީން މުޙައްމަދު ރައުދާއަށް ނިދާ ބޭސް ކާންދޭން މަސައްކަތް ކުރި ވާހަކަ އެކަނި ކަމަށާއި ނަމަވެސް އޭގެފަހުން ސީރަތު ރައުދާއަށް އެއްވެސް ކަމެއް ކުރި ވާހަކައެއް އެއްވެސް މީޑިއާއެއްގައި ނުދައްކާ ކަމަށް ރައުދާގެ މަންމަގެ ވާހަކައިގައި ވަނީ ބުނެފައެވެ.

ރައުދާގެ މަންމަގެ އާދޭހަކީ އޭނާގެ ދަރި އޮތްތާ ހިމޭނުން އޮތަދިނުމެވެ. އަދި ހެޔޮ ދުޢާ ކުރާ މީހުން ހެޔޮދުޢާ ކޮށްދިނުމެވެ. ނަމަވެސް ރައުދާއޭ ކިޔައިގެން އެއްވެސް ވާހަކައެއް ނުދެއްކުމަށް ރައުދާގެ މަންމަ ވަނީ އާދޭހާއެކު އާންމުންނާ މީޑިއާތަކުގެ ކިބައިން އެދިފައެވެ.

ރައުދާގެ މަރުގެ ތަހުޤީގް ބަންގްލަދޭޝްގެ ފުލުހުންނާއި ދިވެހި ފުލުހުންވެސް އަންނަނީ ކުރަމުންނެވެ. އަދި މި މައްސަލާގައި މާލޭގައި ހުރި ރައުދާއާ ގާތް ގުޅުމެއް ހުންނަ މީހަކާ ވަނީ ސުވާލުކޮށް ބަޔާން ނަގާފައެވެ.