ޚަބަރު

"އެންމެ ގާތުން" ކެމްޕޭނުގައި ރައީސްގެ އަނބިކަނބަލުން ރ. އަތޮޅަށް!


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ކުރިއަށްގެންދަވާ "އެންމެ ގަތުން" ކެމްޕެއިނުގެ ދަށުން އެކަމަނާ މިއަދު ރ.ދުވާފަރަށް ވަޑައިގަތުމުން އެރަށުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. 

ދުވާފަރުގެ ބައެއް މީހުން ބުނީ އެކަމަނާއަކީ މިހާތަނަށް ދިވެހިން ނުދެކޭވަރުގެ ހީވާގީ ބޭކަނބަލެއްކަމަށާ، އެކަމަނާގެ ޤައުމީ ޚިދުމަތަކީ ދިވެހިރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ ކަމެއްކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނިކަނބަލުން ފާޠިމަތު އިބްރާހީމް ކުރިއަށްގެންދަވާ "އެންމެ ގާތުން" ކެމްޕެއިނަކީ މުޖުތަމަޢުގައި އުޅޭ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށާއި، އެމީހުންގެ ޙާލުއަހުވާލު ބައްލަވާލެއްވުމަށް ފަށްޓަވާފައިވާ ކެމްޕައިނެކެވެ.

މި ކެމްޕެއިނުގެ ދަށުން އެކަމަނާ ގެންދަވަނީ، ރާއްޖޭގެ އެކިރަށްރަށަށް ވަޑައިގެން އެ ރަށްރަށުގައި ދިރިއުޅޭ ޢާއްމުރައްޔިތުންގެ އިޙްސާސްތަކާއި ޝުޢޫރުތައް އޮޅުން ފިލުއްވަމުންނެވެ. އަދި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެކަމަނާ ގެންދަވަނީ އެކިގޮތްގޮތުން އެހީތެރިވެވަޑައިގަންނަވަމުންނެވެ. 

"އެންމެ ގާތުން" ކެމްޕެއިނުގެ ދަށުން ރ.ދުވާފަރަށް އެކަމަނާ ވަޑައިގަތުމުން ދުވާފަރުގެ ރައްޔިތުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. 

ދުވާފަރަށް ވަޑައިގެން، އެކަމަނާވަނީ އެރަށުގެ އިސްރަށްވެހިންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތަކާއި އެމީހުންގެ ޝުޢޫރުތައް އޮޅުން ފިލުއްވާފައެވެ. އަދި އެ ރަށުގެ ސަރުކާރުގެ އެކި އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވާއި އެކަމަނާވަނީ މަޝްވަރާކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދުވާފަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންވަނީ އެމީހުންގެ ޝުޢޫރުތައް ޕީއެސްއެމާ ޙިއްސާކޮށްފައެވެ. 

މިދަތުރުފުޅުގައި ރ.އިނގުރައިދޫއާއި އަލިފުއްޓާއި އުނގޫފާރާއި އިންނަމާދޫއަށް އެކަމަނާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި އެކަމަނާގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރާއި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.