ރިޕޯޓް

އެއަރޕޯޓަށް 51 އަހަރު - ފަހުރުވެރިވުން ހައްޤު ތަރައްޤީއެއް


ސަރުކާރުން ކުރިއަށްގެންދަވާ ޢުމްރާނީ ތަރައްޤީގެ އެންމެ އަގު ބޮޑު އަދި އެންމެ ބިޔަ އެއް މަޝްރޫޢަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރޫޢެވެ. 

ދިވެހިންގެ އެއްބައިވަންތަކަމާއި، މިނިވަންކަމާއި ގުޅިފައިވާ އެންމެ މުހިއްމު އެއް ރަމްޒަކީ ދިވެހިންގެ އެއަރޕޯޓެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު 51 އަހަރު ފުރިގެންދާއިރު، އެއަރޕޯޓަށް ލިބިގެންދާ ކޮންމެ ކުރިއެރުމަކާއި، ތަރައްޤީއަކީ ދިވެހިންނާއި އަދި މުޅި ޤައުމުގެ އިޤްތިޞާދާއިވެސް ގުޅިލާމެހިފައިވާކަމެކެވެ.

ހުޅުލޭގައި ފުރަތަމަ ހުޅުވި އެއަރޕޯޓަކީ އިނގިރޭސީންގެ ހިމާޔަތުގައި ދިވެހިރާއްޖެ އޮތް ދުވަސްވަރު ހެދިގެންދިޔަ އެއަރޕޯޓެކެވެ. 19 އޮކްޓޯބަރު 1960 ގައި ހުޅުވި މި އެއަރޕޯޓަކީ 75 ފޫޓް ފުޅާ، އަދި 3000 ފޫޓް ދިގުމިނުގެ ރަންވޭއަކާއެކު، ދަގަނޑުފިލާ ބޭނުންކޮށްގެން ހެދި އެއަރޕޯޓެކެވެ. އެހެންނަމަވެސް، އިނގިރޭސީންގެ އަތް ދަށުން ރާއްޖެ މިނިވަންވުމަށް މަސައްކަތް ފެށުމާއި، ދެކުނު ގަނޑުބަނޑާއެކު ދިވެހިންނާއި، އިނގިރޭސީންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ދިވެހިންގެ މެދުގައި އަމިއްލަ އެއަރޕޯޓެއް އެޅުމުގެ ވިސްނުން އުފެދިގެންދިޔައެވެ. އެގޮތުން ދިވެހިން އަމިއްލަ އެއަރޕޯޓް ހެއްދެވުމަށް ސަރުކާރުން ގަސްތުކުރައްވާ، އެކަން އިޢުލާންކުރައްވާފައި ވަނީ 27 އޭޕްރީލް 1964 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. މިކަން ފެއްޓެވީ ރާއްޖޭގެ އަމިއްލަ ފައިސާއިންނާއި ރައްޔިތުންގެ އެހީއާއި މަސައްކަތުންނެވެ.

img:http://s4.psmnews.mv/images/660x400/14604327340078.jpg|ހުޅުލެ އެއަރޕޯޓް / ފޮޓޯ: މޯލްޑިވްސް ހިސްޓްރީ

މި މަސައްކަތް ކުރިއަށްދިޔައީ، އޭރުގެ ރާއްޖޭގެ އިޤްތިޞާދީ ހަލަތާއި، ލިބެންހުރި ވަސީލަތްތަކަށް ބަލާނަމަ، އާދަޔާ ޚިލާފު ބާރު މިނެއްގައެވެ. ނަތީޖާއެއްގެ ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި އެއަރޕޯޓުގެ ރަންވޭއާއެކު ކޮންޓްރޯލް ޓަވަރާއި، ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާ، 1966 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ދިވެހިންގެ ފުރަތަމަ މަދަނީ ވައިގެ ބަނދަރު ހުޅުވިގެންދިޔައެވެ. މިއާއެކު ދިވެހިންގެ އެއަރޕޯޓް ވެގެންދިޔައީ ރާއްޖޭގެ އިޤްތިޞާދުގެ މައިދޮރާއްޓަށެވެ. މިކަމުގެ ސަބަބުން ރާއްޖެ، ބޭރު ދުނިޔެއަށް ހުޅުވި، 1972 ވަނަ އަހަރު ފަތުރުވެރިކަން ރާއްޖެއަށް ތަޢާރުވެގެންދިޔައެވެ.

ފަތުރުވެރިކަން ފުޅާވެ، އެއަރޕޯޓުން ޚިދުމަތް ހޯދާ މީހުންގެ ނިސްބަތްއިތުރުވުމުން ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ކުރިއަރުވާ ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވަން ނިންމެވިއެވެ. އެހެންކަމުން އެކަމުގެ ދިރާސާތަކާއި މަޝްވަރާތައް ކުރެވެމުންއައިސް، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވިތާ 2 އަހަރު ފަހުން ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހުޅުލޭ އެއަރޕޯޓް ހެއްދެވުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވިއެވެ. އަދި 1981 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައި "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް"ގެ ނަމުގައި އެއަރޕޯޓް އަލުން ހުޅުވިގެންދިޔައެވެ.

އެއަރޕޯޓްގެ މާޒީގެ ތެރެއިން ދެން އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ، 40 ވުރެއް ގިނަ އަހަރު ވަންދެން ދިވެހިންގެ އެއަރޕޯޓް ދިވެހިންގެ އަތުގައި އޮތުމަށްފަހު، ރައީސް ނަޝީދުގެ ސަރުކާރުގައި އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް އިންޑިއާގެ ޖީ.އެމް.އާރ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް 25 އަހަރަށް ޖީ.އެމް.އާރއާއި އޭރުގެ ސަރުކާރުން ހަވާލުކުރައްވާފައިވަނީ 28 ޖޫން 2010 ވަނަ އަހަރެވެ. މީގެ އިތުރުން ހަމަ އެހަރުތެރޭ "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު"ގެ ނަން "އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް"އަށް ބަދަލުކުރެއްވިއެވެ. އެއަރޕޯޓުގެ ބާނީ ދިވެހިޖުމްހޫރިއްޔާގެ ދެވަނަ ދައުރުގެ ފުރަތަމަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޚޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނުގެ ނަމަށް ނިސްބަތްކޮށް، އެއަރޕޯޓުގެ ނަން ބަދަލުކުރެއްވީ 26 ޖުލައި 2011 ވަނަ އަހަރެވެ. އެއަރޕޯޓް ހިންގުން ޖީ.އެމް.އާރއާއި ހަވާލުކުރެއްވިތާ 2 އަހަރު ފަހުން އެކުންފުންޏާއެކު ސަރުކާރުންވެފައިވާ އެއްބަސްވުމުގައި ހުރި ބައެއް މައްސަލަތަކެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ، އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހެވެ. އެއަށްފަހު އެއަރޕޯޓް ހިންގުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ދަށަށް އަނެއްކާވެސް ބަދަލުވެގެންދިޔައެވެ.

img:http://s1.psmnews.mv/images/660x400/14604326939451.jpg|މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް / ފޮޓޯ: ގޫގަލް

އެއަރޕޯޓަށް 51 އަހަރު ފުރިގެންދާއިރު، އައު ނަމާކާއެކު ދިވެހިންގެ އެއަރޕޯޓް އަނެއްކާވެސް މިވަނީ ތަރައްޤީގެ އާ އުސްމިންތަކަކަށް ދިމާލަށް މިސްރާބުޖަހާފައެވެ. އެއަރޕޯޓަކީ ދިވެހިން ފަހުރުވެރިވާ ފަދަ ތަނަކަށް ހެއްދެވުމަށްޓަކާ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު މިހާރު ދަނީ ކުރިއަށެވެ. 2018 ވަނަ އަހަރުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނިންމެވުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިތަން ވެގެންދާނީ ދެކުނު އޭޝިޔާގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއް އެއަރޕޯޓަށެވެ. މި މަޝްރޫޢާއެކު މިހާރު ބޭނުންކުރަމުންދާ އެއަރޕޯޓަށް 30 އިންސައްތައިގެ ޖާގަ އިތުރުކުރެވި، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވޭނެއެވެ.